ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައި ވާތީ މަރުވާ މީހުންގެ ހަށިތައް އަޅާނެ ރަބަރު ކޮތަޅުތައް ވެސް ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) މުވައްޒަފުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މީގެ ކުރިން އިނގިރޭސިވިލާތުގައި މީހުން މަރުވަމުން އައި އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް މިހާރު މީހުން މަރުވަމުން އަންނާތީ، ގަބުރުތައް އަޅާނެ ކޮތަޅުތައް ވަރަށް އަވަހަށް ހުސްވުމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކުގެ މޯޗަރީތައް ވެސް މިހާރު ވަނީ ފުރިފައެވެ. އެހެންކަމުން ވަގުތީގޮތުން މީހުންގެ ހަށިތައް މިހާރު ބަހައްޓަމުން ގެންދަނީ ފިނިކާބޯތަކެތި އުފުލުމަށް ބޭނުން ކުރާ ބޮޑެތި ޓްރަކްތަކުގައެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިހާތަނަށް 5373 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި އެކު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑު ވެފައި ވާއިރު ޑޮކްޓަރުންނާއި ނަރުހުން ކޮންމެހެން ބޭނުން ކުރަން ޖެހޭ ރައްކާތެރިކަމުގެ ސާމާނުތައް ވެސް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ ޑޮކްޓަރުންނާއި ނަރުހުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި ތަފާތު މައްސަލަތައް ހުރެގެން އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެމައްސަލަތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. ހާލަތު ގޯސްވެފައި އޮތް ސިއްހީ ނިޒާމްގެ މައްސަލަތައް ބޮއްސުންލައިގެން ދިޔައީ ކޮވިޑް-19 ވަރަށް ހަލުވިކަމާއިއެކު ފެތުރި، ހޮސްޕިޓަލްތަކުގެ ޖާގައަށްވުރެ ބަލި މީހުންގެ އަދަދު މާބޮޑަށް ވެސް އިތުރު ވެގެން ދިއުމުންނެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން އަންނަ އެމެރިކާގައި ވެސް މަރުވާ މީހުންގެ ހަށިތައް އަޅާނެ އެއްޗެހި ހުސްވެގެން އުޅޭކަމުގެ ރިޕޯޓްތައް މީގެ ކުރިން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    މުޅި ދުނިޔެ ލޫޓުވާލި ބައެއް...

    12