އިންޑިއާގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު އޭނާ އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލުގެ ވޯޑުން ފިލަން އުޅެނިކޮށް ވެއްޓި މަރުވެއްޖެއެވެ.

އޭނާ ވެއްޓިފައި ވަނީ ކަލްޕާނާ ޗަވްލާ މެޑިކަލް ކޮލެޖުގެ ހަ ފަން ފިންގިފިލާގެ ކުޑަ ދޮރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޭ 4:00 ހާއިރު އޭނާ އެ ހޮސްޕިޓަލުން ފިލަން އުޅުނީ ބެޑްޝީޓެ އައިއްސައިގެން އޭގެން ވަލެއް ހަދައިގެން އޭގެ އެހީގައި ތިިރިއަށް ފައިބާށެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ އިމާރާތުގެ ކުޑަދޮރާއި، ދިމާލުން ވަގަށް ފައިބަން އުޅުމުގެ ތެރޭގައި ވެއްޓި މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި،ޕަނިޕަޓްއަށް ނިސްބަތްވާ އެ މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އޭޕްރިލް އެއް ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އޭނާ އޮތީ އައިސޮލޭޝަން ވޯޑުގައި ބާއްވާފައެވެ.

ޑޮކްޓަރުން ބުނީ، އޭނާގެ ގައިން އެ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ފަށައިގެން ވެސް އޭނާ ވަނީ އެކަހެރިކޮށްފައި ކަމަށެވެ. އަދި އޭނާގެ ލޭގެ ޓެސްޓުތައް ހަދާފައިވާއިރު، ނަމަވެސް ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މި ހާދިސާއާއެކު އެ ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯޑްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މީގެ ކުރިންވެސް އައިސޮލޭޝަން ވޯޑުތަކުން ފިލަން އުޅުނު ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ4000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެ ގައުމުގައި މި ބަލި ޖެހުނު 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.