ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖިކަލް ކުންފުނި ކަމުގައިވާ އެޕަލް އިން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ހާލަތާއި ގުޅިގެން ފޭސް ޝީލްޑުތައް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެޕަލް ކުންފުނީގެ ސީއީއޯ ކަމުގައިވާ ޓިމް ކުކް ވިދާޅުވެފައި ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވައިރަހުގެ ސަބަބުން ސިއްހީ ދާއިރާގައި ބޭނުން ކުރާ އާލާތްތައް ހޯދުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި، އެހެންކަމުން އެކަމަށް އެހީތެރިވުމުގެ ގޮތުން ފޭސް ޝީލްޑުތައް އުފެއްދުމުގެ މަސައްކަތް ފެށީ ކަމަށެވެ.

އެޕަލަ އިން ފޭސް ޝީލްޑުތައް އުފެއްދި ނަމަވެސް މިއީ އާއްމުން ބޭނުންކުރަން އެ ކުންފުނިން އުފައްދާ އެއްޗެއް ނޫނެވެ. މި ފޭސް ޝީލްޑުތައް އެ ކުންފުނިން ފޯރުކޮށްދޭނީ ވައިރަހާއި އެންމެ ގާތުން މަސައްކަތް ކުރާ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

”އަހަރެމެން މިހާރު މިވަނީ މި މަސައްކަތް ކުރަން އިންޖިނިއަރުންނާއި، ޕްރޮޑަކްޓު ޑިޒައިނަރުންނާއި ޕެކޭޖިން ޓީމުތައް އެކުލަވާލާފައި. މިހާރުވެސް ވަރަށް ބޮޑު ޑިމާންޑެއް މިކަމަށް ދަނީ ލިބެމުން.“ ޓިމް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ހިއްސާ ކުރި ވީޑިއޯގައި ވިދާޅުވެފައިވެއެވެ.

މި ޝީލްޑުތައް އެންމެ ބޮޑަށް ބޭނުންވާ ހޮސްޕިޓަލުތަލަށް ހަދިޔާ ކުރާއިރު، މިހާރުވެސް އެމެރިކާގެ ބައެއް ހޮސްޕިޓަލުތަކުގައި މި ފޭސް ޝީލްޑް ވަނީ ބޭނުންކުރަން ފަށާފައެވެ. މި ހަފްތާގެ ނިޔަލަށް ޖުމްލަ 1 މިލިއަން ޝީލްޑު އެ ކުންފުނިން އުފައްދަން ހަމަޖެހިފައި ވާއިރު، ކޮންމެ ހަފްތާ އަކުވެސް އެވަރަށް ފޭސް ޝީލްޑް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފޭސް ޝީލްޑުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޭނުން ކުރެވިގެން ދާނެކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު