ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ނެދަލޭންޑްސް އިންވެސް ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް އެޤައުމުން ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވި މީހުންގެ އަދަދު 234 އަށް އަރައެވެ. މިއާއެކު އެޤައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2101 އަށް އަރާފައެވެ.

މީގެ ކުރިން ނިއުޒިލޭންޑުން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު އެޤައުމުން މި ބަލީގައި 175 މީހަކު މަރުވެފައި ވެއެވެ. މި ވައިރަސް ޖެހިގެން އިއްޔެވެސް ނެދަލޭންޑްސް އިން 101 މީހަކު މަރުވިއެވެ.

ނެދަލޭންޑްސް އަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 19580 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރޭގައި މިއަދު އެކަނިވެސް މި ވައިރަސް އަށް ފައްސިވީ 777 މީހަކު ހިމެނެއެވެ.

މިހާތަނަށް ނެދަލޭންޑްސް އިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 250 މީހެކެވެ. އެޤައުމުގައި 1409 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ނެދަލޭންޑްސް އިން ރެކޯޑް އަދަދަކަށް މީހުން މަރުވިއިރު، ބެލްޖިއަމް އިންވެސް ރެކޯޑް އަދަދަކަށް މި ބަލީގައި މިއަދު މީހުން މަރުވެފައި ވެއެވެ. އެޤައުމުން މިދިޔަ 24 ގަޑއިރު ތެރޭގައި އެކަނިވެސް 403 މީހަކު މަރުވެފައި ވެއެވެ.

ނެދަލޭންޑްސް އާއި ބެލްޖިއަމް ހިމެނޭހެން ދުނިޔޭގެ 209 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވެއެވެ. ޤައުމުތަކުން މިހާތަނަށް މި ވައިރަސް އަށް 1362200 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ބަލިން ރަނގަޅުވީ 293733 މީހުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސް ޖެހިގެން ސީރިއަސް ހާލުގައި ޖުމްލަ 47672 މީހަކަށް ފަރުވާދެމުން ދެއެވެ.