ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ސްވިޑެން އިންވެސް ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު އެޤައުމުން މަރުވި މީހުންގެ އަދަދު 114 އަށް އަރައެވެ. މީގެ ކުރިން އެއްދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވި ފަހަރު، މަރުގެ އަދަދު ރެކޯޑް ކުރެވިފައިވަނީ 76 ގައެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ސްވިޑެންއިން މަރުވި 114 މީހުންނާއެކު މިހާތަނަށް މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 591 އަށް އަރާފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ސްވިޑެން އިން ޖުމްލަ 7693 މީހަކު ފައްސިވެފައި ވެއެވެ. އޭގެތެރެއިން 487 މީހަކު މި ވައިރަސް އަށް ފައްސިވެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. މިހާތަނަށް ސްވިޑެން އިން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 205 މީހެކެވެ. އަދި 640 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ސްވިޑެން އިން ކޮވިޑް-19 ޖެހިގެން މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވާއިރު، ބެލްޖިއަމް އާއި ނެދަލޭންޑްސް އިން ވެސް މި ބަލީގައި މިއަދު ރެކޯޑް އަދަދަކަށް މީހުން މަރުވިއެވެ. އެގޮތުން ބެލްޖިއަމް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު 403 އަށް އަރާއިރު، ނެދަލޭންޑްސް އިން ބަލީގައި މިއަދު އެކަނި މަރުވި މީހުންގެ އަދަދު 234 އަށް އަރައެވެ.

މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވެއެވެ. ޤައުމުތަކުން މިހާތަނަށް މި ވައިރަސް އަށް 1362200 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ބަލިން ރަނގަޅުވީ 293733 މީހުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސް ޖެހިގެން ސީރިއަސް ހާލުގައި ޖުމްލަ 47672 މީހަކަށް ފަރުވާދެމުން ދެއެވެ.