ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން މަލާވީން ފުރަތަމަ ފަހަރަށް މީގހަކު މަރުވެއްޖެއެވެ.

އިރުމަތީ އެފްރިކާގައި އޮންނަ މަލާވީ އަކީ 18.62 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ.

ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު މަލާވީން މަރުވީ، އެޤައުމުން މި ބައްޔަށް މިހާތަނަށް ފައްސި (ޕޮޒިޓިވް) ވި 8 މީހުންގެ ތެރެއިން އެކެކެވެ.

މީގެ ފަސް ދުވަސްކުރިން މަލާވީން ކޮވިޑް-19 ފެނިފައިވާއިރު، އެދުވަހު އެކަނިވެސް މި ވައިރަސް އަށް ތިން މީހަކު އެޤައުމުން ފައްސިވިއެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެސް މަލާވީން ތިން މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެޤައުމަކީ ކޮވިޑް-19 ފެނުނު އެފްރިކާގެ 50 ވަނަ ޤައުމެވެ.

މަލާވީން މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮވިޑް-19 ޖެހިގެން މަލާވީން މިއަދު މީހަކު މަރުވުމާއެކު މި ވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 76343 އަށް އަރާފައެވެ.

މަލާވީ ހިމެނޭހެން ދުނިޔޭގެ 209 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވެއެވެ. ޤައުމުތަކުން މިހާތަނަށް މި ވައިރަސް އަށް 1362200 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ބަލިން ރަނގަޅުވީ 293733 މީހުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސް ޖެހިގެން ސީރިއަސް ހާލުގައި ޖުމްލަ 47672 މީހަކަށް ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު