ކޮވިޑް-19 ޖެހިގެން ގިނަބަޔަކު މަރުވަމުންދާ އެއް ގައުމުކަަމަށްވާ އިޓަލީން މަރުވި ޑޮކްޓަރުންގެ އަދަދު 94 އަށް އަރައިފިއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ އަންސާ އިޓް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި ޑޮކްޓަރުންގެ އަދަދު މިހާރު ވަނީ 94 އަށް އަރާފައެެވެ.

އެ ގައުމުގެ ޑޮކްޓަރުންގެ ފެޑެރޭޝަންއާއި ހަވާލާދީ އެ ނޫހުން ބުނެފައިވާގޮުގައި، ދާދި ފަހުން އެ ގައުމުގެ ހޮސްޕިޓްތަކުގައި މަސައްކަތް ކުރަމުންދިޔަ ފަސް ފިޒީޝަނުން ވަނީ އެ ބަލީގައި މަރުވެފައެވެ. އެ ނޫހުން ވަނީ މަރުވި ޑޮކްޓަރުންގެ މައުލޫމާތުތައްވެސް އާއްމުކޮށްފައެވެ.

އިޓަލީގެ ނަރުހުންގެ ފެޑެރޭޝަނުން ބުނީ، ކޮވިޑް-19 ފެތުރެން ފެށި ފަހުން އެ ގައުމުން މިހާތަަނަށް 26 ނަރުހަކު މަރުވެފައިވާ ކަމަށެވެ. އަދި 6549 ނަރުހަކަމަށް އެ ބަލި ޖެހިގެން ފަރުވާ ދެމުންދާކަމަށްވެސް އެ ނޫހުގައި ވެއެވެ.

އަދި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 52% މީހުންނަށް އެ ބަލި ޖެހިފައިވާކަމަށްވެސް އެ ނޫހުގައި ވެއެވެ.

މިދިޔަ އާދީއްތަ ދުވަހު އިޓަލީގެ ހާލަތަށް ބަލާއިރު، އެ ގައުމުން މި ބަލި ޖެހިގެން މަރުވެފައި ވަނީ، 636 އެވެ. މިއީ އޭގެ ކުރީ ދުވަހާއި އަޅާ ބަލާެއިރު އިތުރު ވުމެކެެވެ.

އާދީއްތަ ދުވަހާއި ހަމައަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 16523 އަށް އަރާފައެވެ.

އަދި އެ ދުވަހާއި ހަމައަށް އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 132547 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 22837 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު