ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ސްރީލަންކާއަށް 10 ޓަނުގެ ބޭސް ހަދިޔާ ކޮށްފިއެވެ.

އިންޑިއާއިން އެގައުމަށް އެ ބޭސް ހަދިޔާ ކޮށްފައިވަނީ އެގައުމުގެ ސަރުކާރުން އެދިފައިވާތީއެވެ. 10 ޓަނުގެ ބޭސް ލަންކާއަށް ގެންގޮސްފައިވަނީ އެއާ އިންޑިއާގެ ޗާޓަރު ފްލައިޓަކުންނެވެ. އިންޑިއާގެ ފޯރުކޮށްދިން މި އެހީ އަށް ލަންކާގެ ބޮޑުވަޒީރު ގޮތާބަޔަ ރާޖަޕަކްސަ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮލަމްބޯގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވަނީ އެކަމީ އެއީ އިންޑިއާއިން ކޮންމެ ހާލަތެއްގައިވެސް ލަންކާއާއި އެކީ ދެމި އޮންނާނެ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި އެގައުމުން އޮންނާނީ ކޮންމެފަދަ ހާލަތެއްގައިވެސް ލަންކާއަށް އެހީތެރިވުމަށް ކަމަށެވެ.

"އިންޑިއާގެ އަމިއްލަ މައްސަލަތައް ހުރި މި ދަނޑިވަޅުގައިވެސް އެ ގައުމުން އަބަދުވެސް ގަބޫލު ކުރާ އުސޫލެއް އެއީ އިންޑިއާ އަށް ހެޔޮ އެދޭ ގައުމުތަކާ އެކު އެމީހުންނަށް މުދަލާއި އެނޫންވެސް ގޮތްގޮތުން އެހީވުމަކީ މުހިންމު ކަމެއް ކަން" އިންޑިއާ އެމްބަސީން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރި ކަމުގައިވިއަސް އިންޑިއާގައި ހުރި ވަސީލަތްތައް އަވަށްޓެރި ގައުމުތަކާއި ހިއްސާކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

އިންޑިއާއިން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެގައުމުން ވަނީ 5.5 ޓަނުގެ ޒަރޫރޫ ބޭހުގެ ޝިޕްމެންޓެއް ރާއްޖެއަށްވެސް ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުޫ

    މައްސަލައަކީ މޯދީ މުސްލިމުންނަށް ކުރާ ދުއްތުރާތައް!

  2. އޭޝްލީ

    އެހީ ދެނީ ގައުމު ތަކުގެ މައްޗަށް ނުފޫޒު ހިންގަން..