ކޮވިޑް-19 ޖެހިގެން އެމެރިކާގެ ނިއުޔޯކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 731 މީހަކު މަރުވެއްޖެއެވެ. މިއަދަކީ އެއްދުވަސް ތެރޭގައި ނިއުޔޯކުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު ނިއުޔޯކުން ވަނީ 6920 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. ނިއުޔޯކުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 5489 އަށް އަރާފައެވެ. އަދި ހަމައެކަނި ނިއުޔޯކުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 138836 އަށް އަރާފައެވެ.

މުޅި އެމެރިކާއަށް ބަލާނަމަ މިހާރު އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 380734 އަށް އަރާފައެވެ. މީގެ ތެރެއިން 11906 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެމެރިކާ އިން ބަލިން ރަނގަޅުވީ 21309 މީހުންނެވެ.

ނިއުޔޯކުން ލިބިފައި ހުރި އެހެނިހެން ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސްޓޭޓުން މަރުވި މީހުންގެ ތެރެއިން 4700 އަށް ވުރެ ގިނަ މީހުންނަކީ ފިރިހެނުންނެވެ. އަދި މަރުވި މީހުންގެ ތެރެއިން 86 އިންސައްތަ މީހުންނަކީ ލޭމައްޗަށް ދިއުން ނުވަތަ ހަކުރު ބަލި ފަދަ ކޮންމެވެސް ބޮޑުބައްޔެއް ހުރި މީހުންނެވެ.

ކޮވިޑް-19 ހުއްޓުވަން ނިއުޔޯކުން ވެސް މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފުޅާކޮށްފައެވެ. މިހާތަނަށް ނިއުޔޯކުން 321000 އަށް ވުރެ ގިނަ މީހުން ވަނީ ޓެސްޓް ކޮށްފައެވެ.

ނިއުޔޯކްގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ނިއުޔޯކްގައި ބަލި ފެތުރުން މަދުވާން ފަށާނީ އަދި ދިހަވަރަކަށް ދުވަސް ފަހުންނެވެ. ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހު ނިއުޔޯކުންނާއި އަދި އެމެރިކާގެ އެހެން ސިޓީތަކުން ވެސް ގިނަ ބަޔަކު މަރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.