ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 604 މީހަކު މަރުވެއްޖެއެވެ. އެހެންކަމުން މިއަދު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށް ވުރެ މަދެވެ. އިއްޔެ އެގައުމުން 636 މީހަކު މަރުވިއެވެ.

އިޓަލީވިލާތުން މިއަދު 3309 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެހެންކަމުން މިއަދަކީ ފާއިތުވި 22 ދުވަސް ތެރޭގައި އެގައުމުން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

މިހާތަނަށް އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 17127 އަށް އަރާފައެވެ. އަދި ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 135586 އަށް އަރާފައެވެ. އަދި މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 24392 މީހުންނެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3792 މީހުންގެ ހާލު ސީރިއަސްއެވެ. މިހާތަނަށް އިޓަލީވިލާތުން އެންމެ ގިނަ މީހުން މަރުވީ މާޗް 27 ވަނަ ދުވަހު އެވެ. އެދުވަހު 969 މީހުން މަރުވިއެވެ.

އިޓަލީވިލާތުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ކޮވިޑް-19 ވަނީ ޕީކަށް ގޮސްފައެވެ. އެސަރަހައްދުތަކުން ދެން އޮތީ ބަލި ޖެހުން މަދުވުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޓަލީވިލާތް ފުރަބަންދު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު އެގައުމު ފުރަބަންދު ކުރިތާ ވަނީ މަހެއްހާ ދުވަސްވާން ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު