ކޮވިޑް-19 ގެ ސަބަބުން ލިބިދާނެ ގެއްލުމަށް ރައްކާތެރިކަން ކަށަވަރު ނުވާތީ މުޒާހަރާ ކުރި ގިނަ އަދަދެއްގެ ޑޮކްޓަރުންތަކެއް ޕާކިސްތާނުގައި ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސިޓީއެއް ކަމަށްވާ ގުއެޓާގައި ހިނގި މި މުޒާހަރާގައި 50 އަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.

ކޮވިޑް-19 ޖެހިގެން އަންނަ މީހުންނަށް ފަރުވާ ދިނުމަށް ތިބި އެ ޑޮކްޓަރުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެ ޑޮކްޓަރުން މުޒާހަރާ ކުރީ އެގޮތަށް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އިރު އެމީހުންގެ ރައްކާތެރިކަން ނެތުމުންނެވެ. އެގޮތުން ބަލާ އިރު ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާ މާސްކު ފަދަ ތަކެތި އެ ޑޮކްޓަރުންނަށް ލިބުން ވަނީ ދަތި ވެފައެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ޑރ. ރަހިމް ހާން ބާބާ ބުނެފައިވަނީ އެމީހުންގެ 67 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދޫކޮށްލުމަށް އަމުރު ނެރެފައިވި ނަމަވެސް އެމީހުން ފުލުހުންގެ އިދާރާ ދޫކޮށް ނުދާނެ ކަމަށް ބުންޏެވެ.

އަދި އެގޮތަށް ނުދާން ނިންމާފައިވަނީ އެތަނުގައި ތިބުމުން އެމީހުން ބޭނުންވާ ރައްކާތެރިކަމުގެ ތަކެތި ލިބިދާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް ބުންޏެވެ.

"އިއްޔެ ހައްޔަރު ކޮށްފައިވަނީ. ދޫކޮށްލުމަށް މިހާރު އަމުރު ވެސް ވަނީ ނެރެފައި. ނަމަވެސް އެތަނުން ދިއުމަށް ހުރިހާ ޑޮކްޓަރުން ވަނީ ދެކޮޅު ހަދާފައި. މިތަނުން ދިއުމުން އެމީހުން ހަނދާނެއް ނުހުންނާނެ އެއްވެސް އެއްޗެއް. އެއްވެސް ކަހަލަ ފިޔަވަޅެއް އެކަމާ ގުޅިގެން ނާޅާނެ (ރައްކާތެރި ކަމުގެ ތަކެތި ހޯދުމަށް)." ޑރ. ރަހިމް ބުނެފައިވެއެވެ.

ކޮވިޑް-19 އެންމެ ފަސޭހަ އިން ޖެހޭ އަދި މަރުގެ "ތުންފަތް" މަތީގައި ތިބޭ އެއް ބަޔަކީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ރެއާއި ދުވާލު ބަލި ވެގެން ހޮސްޕިޓަލަށް ގެނެވޭ މީހުންނަށް އެންމެ ގާތުން އަވަސް ފަރުވާ ދިނުމަށް ތިބޭ ޑޮކްޓަރުންނަކީ މި ބަލީގެ އެންމެ ނުރައްކާ ބޮޑު އެއްބައެއް ކަން ގިނަ ބަޔަކު ގަބޫލު ކުރާ ހިނދު ޕާކިސްތާނުގައި އެފަދަ ޑޮކްޓަރުންނަށް ރައްކާތެރިކަމުގެ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެ ގައުމުން 4,009 މީހަކު ރިޕޯޓް ކޮށްފައިވާއިރު، 56 މީހަކު ވަނީ މި ބަލި ޖެހިގެން އެގައުމުން މަރުވެފައެވެ.