އެމެރިކާގެ ނިއުޔޯކުގެ އަވަށެއް ކަމަށްވާ ސަފޮލްކްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލެވެންދެން ބަހައްޓާ މޯޗަރީތައް ފުރިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަވަށުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، މިހާރު މޯޗަރީތައް ފުރިފައިވާ އިރު، މަރުވާ މީހުންގެ ހަށިގަނޑުތައް ބަހައްޓާނެ ފްރިޖްތަކެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ އަވަށުގެ އިދާރާތަކުން ވަނީ ފަށާފައެވެ.

މިކަމާއި ގުޅޭގޮތުން އެ އަވަށުގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވަނީ، މަރުވާ މީހުންގެ ހަށިގަނޑުތައް ބަހައްޓަން، ބޮޑެތި ފިހާރަ އާއި ސްޓޯރު ފަދަ ތަންތަނުގައި ހުންނަ ފަދަ ފްރިޖްތައް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ބުނެފައިވަނީ މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލެވެންދެން މިގޮތަށް ބަހައްޓަން ނިންމީ އެ އަވަށުން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ މޯޗަރީތައް ފުރެން ފެށުމާއި ގުޅިގެން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ތައްޔާރުވެފައިވާ ހާލަތެއް ނޫން. މިގޮތަށް މީހުންގެ ހަށިގަނޑުތައް ބަހައްޓަން އަޅުގަނޑުމެން ބޭނުމެއްވެސް ނުވޭ. އެކަމަކު މިފަދަ ހާލަތެއް ކުއްލިއަކަށް ދިމާވަމުން އެނޫން ގޮތެއް މިވަގުތު ނެތް،" އޮފިޝަލް ބުނެފައި ވެއެވެ.

މޯޗަރީތައް ފުރުމުގެ އިތުރުން މި އަވަށުން މަރުވާ މީހުންގެ ހަށިގަނޑުތައް ލާފައި ބަހައްޓާ "ބޮޑީބޭގް" ތައްވެސް ހުސްވާން ކައިރިވެފައިވާ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން އިތުރު ބޮޑީބޭގް ހޯދަން މިހާރު ކަމާއިބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާއަކީ ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 388757 މީހަކަށް މި ބަލި ޖެހިފައިވާއިރު، ބަލީގައި މިހާތަނަށް 12400 މީހުން ވަނީ މަރުވެފައެވެ. އެމެރިކާއިން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 21431 މީހުންނެވެ. އަދި 9165 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

އެމެރިކާއަކީ މިހާތަނަށް މި ވައިރަސް ޖެހިގެން ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ. އިއްޔެ އެކަނިވެސް އެޤައުމުން 600 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވީ އިޓަލީންނެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 17127 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތު މީހާ

    ޢަދިވެސް މަރުވެފައި ވާ ހަށި ތައް ވަޅުނުލާ މޯޗަރީ ގަބަހައްޓަ ނީޔޯ !!
    ޙަމަބޮޑައް ފެތުރޭން ފުރު ސަތު މަގު މިހޯ ދެ ނީ ! މީ ކޮން ހިޔާލެއްގެ ބައެއް ބާ ! ޢަދި ވެސް މޯޗަރީ ފުރިގެން ޑީފުރިޖް ތައްވެސް ހޯދަނީ ޔޯ !!! ދިރިހުރި މީހާޔާ އަޅާނު ލެވޭ ހާލަތުގަ ވެސް ފުރާނަ ނެތް މަސްގަންޑު ފޮރުވާނީ ކިހިނެެއް ބާ އޭހިތައް އަރާ !!

    16
    1