އަވައްޓެރި އިންޑިއާގެ ގުޖުރާތުގައި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވި (ޕޮޒިޓިވްވި) އުމުރުން އެންމެ 14 މަހުގެ ތުއްތު ކުއްޖާ، މި ބައްޔަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ގުޖުރާތުގެ އަވަށެއް ކަމަށްވާ ޖަމްނަގަރްގެ ހޮސްޕިޓަލެއްގައި މިކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އެކުއްޖާ މަރުވެފައި ވަނީ ވައިރަސް ޖެހިގެން ހާލު ދެރަވުމުން، އޭނާ ސަލާމަތްވާނެ ކަމުގެ މާބޮޑު އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ކުރިން ބުނެފައި ވަނިކޮށެވެ.

މި ތުއްތު ކުއްޖާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފައިވަނީ އޭނާގެ ހާލު ދެރަވުމުވެ، ވައިރަސްގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓުތަކުން މިދިޔަ އާދީއްތަ ދުވަހު އެވެ. އެއަށްފަހު ސީރިއަސް ހާލުގައި އޭނާއަށް ވަގުތުން ފަރުވާދެމުން ދިޔަނަމަވެސް ހާލަތަށް މާބޮޑު ބަދަލެއް ނައިސް، އިތުރަށް ދިޔައީ ހާލު ގޯސްވަމުންނެވެ.

"މި ތުއްތު ކުއްޖާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުމާއެކު ވަނީ ވަގުތުން ފަރުވާދޭން ފަށާފައި. އޭނާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައި. ނަމަވެސް ހާލު އިތުރަށް ގޯސްވަމުން ދިޔުމުން، އެކުއްޖާ ސަލާމަތް ކުރެވޭނެކަމުގެ މާބޮޑު އުންމީދެއް ކުރިން ވެސް ނެތް،" އޮފިޝަލަކު ބުނެފައި ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނީ، އެކުއްޖާ މަރުވީ ކޮވިޑް-19 ގެ ސަބަބުން ކިޑްނީ އާއި ފުރަމޭ ފެއިލްވެ، އަނގައިންނާއި ނޭފަތުން ގިނަ އަދަދަކަށް ލޭ ބޭރުވަމުން ދިޔައިރުވެސް ދެވޭނެ މާބޮޑު ފަރުވާއެއް ނެތި އެ ހާލުގައި ގިނައިރުތަކެއް ވަންދެން އޮތުމަށްފަހު އެވެ. މިކުއްޖާ މަރުވުމުގެ ކުރިން އިއްޔެ ހެނދުނުވެސް އޭނާ ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އޭރު އެކުއްޖާގެ ހަށިގަނޑަށް ވައިރަސްގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

މިކުއްޖާއަކީ ޖަމްނަގަރް އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވި ކުއްޖާއެވެ. އޭނާ މި ވައިރަސް އަށް ފައްސިވުމާއި ގުޅިގެން އޭނާގެ މައިންބަފައިން ވެސް ވަނީ ވައިރަސް އަށް ޓެސްޓުކޮށްފައެވެ. ނަމަވެސް އެމީހުންގެ ވަނީ ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައެވެ. އެހެންކަމުން އެކުއްޖާގެ ހަށިގަނޑަށް ވައިރަސް އެރިގޮތެއް މިހާތަނަށް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މި ވައިރަސް އަށް އެކުއްޖާގެ މައިންބަފައިން ނައްސިވިނަމަވެސް އެދެމީހުން މިވަގުތު ތިބީ ކަރަންޓީނުކޮށްފައެވެ.

އިންޑިއާގައި ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެޤައުމުން މިހާތަނަށް 5311 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 533 މީހުން ފައްސިވީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 14 މީހަކު ހިމެނޭހެން ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ 150 މީހަކު މިހާތަނަށް އިންޑިއާއިން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު