ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ޗައިނާގެ ވޫހާން ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރޭ އެސިޓީގެ ދަތުރުފަތުރުގެ ނިޒާމް ހުޅުވާލައިފިއެވެ.

ވޫހާން ހުޅުވާ ވަގުތާއި ދިމާކޮށް ގިނަ ބަޔަކު ވަނީ ސިޓީން ބޭރަށް ނިކުންނަން ކިއު ހަދާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ވޫހާންގައި ތާށިވެފައި ތިބި އެހެން ސިޓީތަކުގެ މީހުންނެވެ.

ވޫހާންގެ ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު މީހުންނަށް ދީފައި ވާއިރު މީގެ ހަފްތާއެއް ކުރިން އެސިޓީގެ އެތެރޭގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ފުރުސަތު އޮތީ ދީފައެވެ.

ވޫހާން ހުޅުވާލި ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ވަރަށް ގިނަ ސަރަހައްދުތަކެއްގައި އޮފިޝަލުން ތިބެ، ވެހިކަލްތައް މަޑުކުރުވައިގެން ވެހިކަލްތަކުގައި ތިބޭ މީހުން ހުން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ވޫހާންގެ މަގުތައް ހުޅުވާލުމުގެ އިތުރުން ރެއިލްވޭ ސްޓޭޝަންތައް ވެސް ވަނީ މިހާރު ހުޅުވާލާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޭލްތައް މެދުވެރިކޮށް މިއަދު 55000 މީހުން ވޫހާން އިން ބޭރަށް ވަނީ ދަތުރު ކޮށްފައެވެ. މިއަދު ޖުމްލަ 276 ރޭލެއް ވަނީ ވޫހާން އިން ޝަންހާއީ، ޝެންޒެން އަދި އެހެން ސިޓީތަކަށް ދަތުރު ކޮށްފައެވެ. ރޭލް ސްޓޭޝަންތަކުގައި ވެސް ފަސެންޖަރުންގެ ހުން ބެލުމުގެ އިންޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި ފަސެންޖަރުން މާސްކް އަޅަން ވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރުން ވޫހާން ފުރަބަންދު ކުރީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު އެވެ. ޗައިނާ އިން ކޮވިޑް-19 ކޮންޓްރޯލް ކުރެވުނީ ވޫހާން އާއި ހުބެއީ ޕްރޮވިންސް ވަރަށް އަވަހަށް ފުރަބަންދުކޮށް، ޗައިނާ ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    އެގްރިމެންޓު އުވާނުލާއޮތްނަމަ ނުކިރިތާށިވެފަހުރި ކަންނެލިކޮޅުކިރާލެވޭނެ ފުރުޞަތަކަށްނުވާނެބާ؟؟؟؟