މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ސްޕެއިންއިން 757 މީހަކު މަރުވެއްޖެއެވެ.

މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14،555 އަށް އަރާފައެވެ.

އެގައުމުން މިއަދު 757 މީހަކު މިބަލި ޖެހިގެން މަރުވެފައިވާއިރު، އިއްޔެ އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 743 މީހެކެވެ. ސްޕެއިންގައި ވައިރަސްގެ ޝިކާރަ އަކަށްވެ މަރުވާ މީހުންގެ އަދަދު ދަށްވެފައި އޮތުމަށް ފަހުގައި މިއަދު އަނެއްކާވެސް އެ އަދަދު މިވަނީ ކުއްލިއަކަށް އިތުރުވެގެން ގޮސްފައެވެ.

އެގައުމުން މި ބައްޔަށް އިތުރު 6,180 މީހަކު ފައްސި ވެފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 146,690 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ފާއިތުވި ހަތަރު ދުވަސްތެރޭ އެގައުމުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އިއްޔެއާއި ހަމައަށް އެގައުމުގައި ހާލު ދެރަވެގެން އައިސީޔޫގައި 7,069 މީހަކަށް ފަރުވާދެމުން އައިއިރު، ފާއިތުވި 24 ގަޑިއިރު، އައިސީޔޫގައި އިތުރު މީހަކަށް ފަރުވާ ދީފައިވާކަން އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮންޓްރޯލް ވުމެއް ނެތި ސްޕެއިންގައި މި ބަލި ފެތުރެމުން އަންނައިރު، އެގައުމަކީ މި ބަލި ޖެހިގެން އެމެރިކާ ފިޔަވައި އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އަދި އިޓަލީ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު