މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވަމުންދިޔަ، އިޓަލީން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

އެ ގައުމުގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް ފާއިތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެގައުމުން އެންމެ ފަހުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 542 މީހެކެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 17699 އަށް އަރާފައެވެ.

އެ ގައުމުގައި މީގެ ދެ ދުވަސް ކުރިންވެސް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދަށްވިއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެފައެވެ.

އެ ގައުމުގެ ހާލަތަށް ބަލާއިރު، އެ ގައުމުން އިތުރު 3836މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓީވް) ވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 139422 އަށް އަރާފައެވެ.

އެ ގައުމުން މި ވައިރަސް ޖެހުނު 26491 މީހަކު ރަނގަޅުވެފައިވާއިރު، 3693 މީހެއްގެ ހާލު ސީރިއަސް އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޓަލީވިލާތް ވެސް ވަނީ ފުރަބަންދުކޮށްފައެވެ. އެ ގައުމު ފުރަބަންދު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު