ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ ވައިރަސް ކޮވިޑް-19ގެ ސަބަބުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ވަގުތީ ގޮތުން ދެމަފިރިން ވަރި ކުރުމާއި، ކައިވެނި ކުރުން މަނާ ކޮށްފިއެވެ.

ދުބާއީގެ ޖަސްޓިސް ޑިޕާޓްމެންޓުން ހާމަ ކޮށްފައިވާ ގޮތުގައި މިގޮތަށް ކަންތައް ކުރަން ނިންްމީ މިދުވަސްވަރަކީ ވަައިރަސް ފެތުރޭ ދުވަސްވަރަކަށް ވެފައި އާއްމުން އެއްވެ އުޅުން ވީހައިވެސް ބޮޑަށް މަދު ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރަށް ޖަސްޓިސް މިނިސްޓަރު ވަނީ މިފަހުން ކައިވެނި ކުރި މީހުންވެސް ކައިވެނި ހަފްލާތައް ބޭއްވުމަކީ މަނާ ކަމެއް ކަމަށާއި، އެންމެ ގާތް މީހުންނަށް އެކަނިވެސް މިދުވަސްވަރު މިފަދަ ހަފްލާ އެއް ނުބޭއްވޭނެ ކަމަށް ބުނެފައެވެ.

އެ ގައުމުން ދެމަފިރިން ވަރި ކުރުމުގެ ކަންކަންވެސް ވަގުތީ ގޮތުން މަޑުޖައްސާލަފައި ވާއިރު، މިގޮތަށް ކަންތައް ކުރަން ނިންމާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އެކުވެރި އަރަބި އިމާރާތުގައި މިހައިތަނަށް 2،659 މީހަކު ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ ޖުމްލަ 12 މީހަކު ވަނީ މަރުވެފައެވެ. ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުން ދަނީ މިދުވަސްވަރު މިފަދަ ތަފާތު އެތައް ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކޮށްލެވެއެވެ.