ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މިހާރު ފަރުވާދެމުންދާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެޤައުމުގެ ވެރިކަންކުރާ، ކޮންޒަވޭޓިވް ޕާޓީން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮންޒަވޭޓިވް ޕާޓީގެ ޗާންސެލަރ، ރިޝީ ސުނާކް ވިދާޅުވެފައި ވަނީ، ބޮޑުވަޒީރަށް އަދިވެސް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި، ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބަލި އިތުރަށް ގޯސްވެދާނެ ކަމުގެ ނިޝާނެއް ބޮރިސްގެ ފަރާތުން ފެންނަމުން ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޮޑުވަޒީރުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން. އެހެން ނަމަވެސް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި. ބޮރިސް ގެންދަވަނީ ވައިރަސް އަށް ފައްސިވުމާއި ގުޅިގެން ސިއްޙީ އޮފިޝަލުންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރަމުން. އަދި ބޮރިސްގެ ހާލު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޑޮކްޓަރުން ދަނީ ކުރަމުން،" ރިޝީ ސުނާކް ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް އަށް ކޮވިޑް-19 ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާތާ ދެދުވަސްފަހުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަން ކޮންޒަވޭޓިވް ޕާޓީން ހާމަކޮށްފައިވީނަމަވެސް، އިއްޔެއަކީ އެޤައުމަށް ހިތާމަވެރި ދުވަހެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ކޮވިޑް-19 އަށް ފައްސިވެ، މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް، އިއްޔެ ގިނަ އަދަދެއްގެ ބަޔަކު އިނގިރޭސިވިލާތުން މި ވައިރަސްގެ ޝިކާރައަކަށް ވެފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން މިދޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 5491 މީހަކު ވަނީ މި ވައިރަސް އަށް ފައްސިވެފައެވެ. އަދި މި ބަލީގައި ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން އިއްޔެ އެކަނިވެސް 938 މީހަކު މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 60733 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7097 އަށް އަރާފައެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން އަށްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިދިޔަ 24 ގަޑިއިރަށް ބަލާއިރު، އެޤައުމަކީ ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ މި ބަލީގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 53501 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި 1559 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް ވެއެވެ.