ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން އިތުރު 1940 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން އެމެރިކާ އިން މަރުވި ދުވަހެވެ.

މީގެ ކުރިން އެންމެ ގިނަ މީހުން އެމެރިކާ އިން މަރުވީ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު 1971 މީހަކު އެމެރިކާ އިން މަރުވިއެވެ. މިހާތަނަށް އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 14795 އަށް އަރާފައެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު 435128 އަށް އަރައެވެ. އަދި މިހާތަނަށް އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 22891 މީހުންނެވެ.

އިއްޔެ އެމެރިކާ އިން ފައްސިވި މީހުންގެ އަދަދު ވަނީ އޭގެ ކުރީ ދުވަހާއި އަޅައި ބަލާއިރު ކުޑަތަންކޮޅެއް މަދުވެފައެވެ. އިއްޔެ ފައްސިވީ 31935 މީހުންނެވެ. އޭގެ ކުރީ ދުވަހު 33460 މީހުން ފައްސިވިއެވެ.

އަދިވެސް އެންމެ ހާލަތު ގޯސް ސިޓީއަކީ ނިއުޔޯކެވެ. ނިއުޔޯކުން ބަލި ޖެހުނު މީހުންގެ އަދަދު 151171 އަށް މިހާރު ވަނީ އަރާފައެވެ. ނިއުޔޯކުން މިހާތަނަށް 6268 މީހަކު ވަނީ މަރުވެފައެވެ. ނިއުޖާޒީން 47437 މީހުންނަށް ބަލި ޖެހި 1504 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާގައި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 9279 މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ގިނަ މީހުންގެ ފުރާނަ ސަލާމަތް ވެދާނެ ކަމުގެ އުއްމީދެއް ނެތެވެ.

އެމެރިކާގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ދާއިރު ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ތަކެއްޗާއި، ޑޮކްޓަރުންނާއި ނަރުހުން ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާ މާސްކާއި، އަންގި ފަދަ ތަކެތި ވެސް އެމެރިކާ އިން ހުސްވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާމީން ކަދުރު ފާތުމަ

    ޖަލުގަ އެއޮތީ ރުފިޔާ ގަނޑު ބަނޑު އަޅައިގެން 100 ބަލީގެ ފަރުވާ...ނެރެފަ ހުރިހާ ގައުމަކަށް ފޮނުވާ ތި އެންޓި ޑޮޓް..ވަރަށް މޮޅުވާނެ އިގްތިސާދު ހަމަޔަށް އަޅުވަން..

    1
    1