ކޮވިޑް-19 އަށް ފަރުވާދޭއިރު ލައިގެން ތިބެންޖެހޭ ހެދުން ނެތުމުގެ ސަބަބުން ޑަސްބިން ކޮތަޅުތަކެއް ލައިގެން ބަލިމީހުންނަށް ފަރުވާ ދެމުންދިޔަ ލަންޑަނުގެ ހޮސްޕިޓަލެއްގެ ފޮރޮންޓު ލައިނުގައި މަސައްކަތް ކުރަމުން ދިޔަ ތިން ނަރުހަކަށް ކޮވިޑް-19 ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ތިން ނަރުހުންހގެ ގައިންވެސް ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު އެމީހުން ބައްޔަށް ފައްސިވެފައިވާ ކަން އެނގިފައި ވަނީ ރޭގެ ވަގުތެއްގައެވެ. ލަންޑަނުގެ ނޯތްވިކް ޕާކް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ މި ތިން ނަރުހުންނަށްވެސް ހޮސްޕިޓަލުން ވަނީ ހަޒްމަޓް ސޫޓް ނެތުމުގެ ސަބަބުން ޑަސްބިން ކޮތަޅު ލައިގެން ހިދުމަތަށް ނިކުތުމަށް މަޖުބޫރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޑެއިލީ ޓެލެގްރާޕް" އަށް އެ ހޮސްޕިޓަލުގެ އިސް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޑަސްބިން ކޮތަޅުތައް ލައިގެން ފްރޮންޓު ލައިނުގައި މަސައްކަތް ކުރަމުން ދިޔަ ތިން ނަރުހުންގެ ކިބައިން އަލާމާތްތައް ފެންނަން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެމީހުން އެންމެ ފުރަތަމަ ޑަސްބިން ކޮތަޅު ލައިގެން ހިދުމަތަށް ނިކުމެފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ވެއެވެ.

އެ ހޮސްޕިޓަލުގެ މުވައްޒަފުން މި ބައްޔަށް ފައްސި ވެދާނެ ކަމުގެ ބިރު އަދިވެސް އެބައޮތް ކަމަށާއި، ކަމާބެހޭ އިދާރާތަކުންވެސް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑުސަމާލުކަމެއް ދޭން ޖެހޭކަން އެ ހޮސްޕިޓަލުގެ އިސް ފަރާތަކުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އަދި އެހެން ބައެއް ގައުމުތަކުގައި ވެސް ޑޮކްޓަރުންނާއި ނަރުހުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އެކަމުގެ ޝަކުވާތައް ޑޮކްޓަރުންނާއި ނަރުހުން އަދި އެމީހުންގެ އާއިލާތަކުން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ޔާﷲ