ކޮވިޑް-19 އާ ގުޅިގެން ދެ ވަނަ ރާޅެއް ޗައިނާ އަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެ ގައުމުގައި ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބަލި ވަރަށް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެތެރޭގައި އެމެރިކާ، ސްޕެއިން، އިޓަލީ، ޖަރުމަނު، ބެލްޖިއަމް، އިނގިރޭސި ވިލާތް، އިރާން ފަދަ ގައުމުތައް ހިމެނެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު، މި ބަލީގައި މަރުވާ އިރު، އެތައް ސަތޭކަ ބަޔަކަށް މި ބަލި ދަނީ ޖެހެމުންނެވެ.

ޗައިނާގައި މި ބަލި ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، އަނެއްކާ ވެސް ޗައިނާގައި ވަނީ ބަލީގެ ނުރައްކާ ބޮޑުވެފައެވެ. އެ ގައުމުގައި އިއްޔެ އެކަނި ވެސް 63 މީހެއްގެ ގައިން ބަލި ފެނުނު އިރު، އޭގެތެރެއިން 61 މީހުންނަކީ އެހެން ގައުމުތަކުގައި އުޅެފައި، އެނބުރި ޗައިނާ އަށް އައި ބައެއް ކަމަށްވެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިންނާ އެކު، ބޭއްވި ބައްދަލުވުމެއްގައި ޝީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ބަލި އަނެއްކާ ވެސް ހަލުވިކަމާ އެކު ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެފައިވާ ކަމަށް ޝީ ވިދާޅުވިއެވެ.

އަނެއްކާވެސް ނުރައްކާ ބޮޑުވެ، ޗައިނާގެ ސިޓީއެއް ފުރަބަންދުކޮށްފި

ޝީ އެގޮތަށް ވިދާޅުވި އިރު، ޗައިނާގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. މީގެ ކުރިން އެ ބަލި ޖެހޭ މީހުންގެ އަދަދާ އަޅާ ބަލާ އިރު، މިހާރު އެ ބަލި ޖެހޭ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. މީގެކުރިން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ވެސް ބަލި ޖެހިގެން މަރުވެފައެވެ. އެ ބަލި އެންމެ ވަރުގަދަ އަށް ފެތުރުނު ވޫހާ ސިޓީ މީގެކުރިން ލޮކްޑައުންކޮށްފައި އޮތަސް، ޗައިނާ ސަރުކާރުން ވަނީ ލޮކްޑައުން ނިމުމަކަށް ގެނެސް، އެ ސިޓީ އާންމު ހާލަތަކަށް ގެނެސްފައެވެ.

"(ބައްޔާ ގުޅިގެން) އާ އުނދަގޫތަކަކާއި ގޮންޖެހުންތަކެއް ޗައިނާ އިން ކުރާ މަސައްކަތަށް ވަނީ ކުރިމަތިވެފައި. އެއީ އިގްތިސާދަށާއި އިޖުތިމާއީ ކުރިއެރުމަށް އައި ކަމެއް،" ޝީ ވިދާޅުވިއެވެ.

ޝީ ވަނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އަންގަވައިފައެވެ.

ޗައިނާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81,000 އަށް ވުރެ މައްޗަށް އަރައިފައެވެ. އެ ގައުމުން މި ބަލީގައި މަރުވީ 3000 އަށް ވުރެ ގިނަ މީހުންނެވެ. ބަލި ޖެހިގެން އެ ގައުމުން 77،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، މިވަގުތު އެ ގައުމުގައި ފަރުވާ ދެނީ 1،160 މީހަކަށެވެ. އޭގެ ތެރެއިން 176 މީހެއްގެ ހާލު ސީރިއަސްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝުކުރު

    2ވަނަ ރާޅު ކީ އްކުރަން އެ އްލަ އްކަ ރާޅުވެސް އަރާނެ ތިމީހުންތަ އް ތިގޮތަ އް ފެންނަހާ އެ އްޗެ އް ކަ އިގެން އުޅެންޏާ. އަދިވެސް އިސްލާޙުވާކަށް ނުވޭދޯ??

    36
    2
  2. ބުއްޅަބޭ

    އެމެރިކާނުން ހަމަ ހިލާ ޗައިނާ ދޫނުކުރާނެ ފަސޭއަކޮށް! އެކަމަކު ޗައިނާޔަކީވެސް އަދި ބަޔަކު ކިޔާހާލަވަޔަކަށް ނަށާނެ ބަޔެއްވެސްނޫން!

    29