ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޮޑު ދެ ސިޓީ ކަމަށްވާ މުމްބާއީ އާއި ނިއުދިއްލީގައި މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.

މުމްބާއީ އާއި ނިއުދިއްލީގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ސިޓީގައި ދިރިއުޅޭ މީހުން ބޭރަށް ނުކުންނަ ނަމަ، މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އެގޮތަށް ނިންމީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ބަލި ފެތުރުނަ ނުދިނުމަށް ކަމަށްވެއެވެ.

ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާސްކް އަޅައިގެން އުޅުމަކީ ކޮވިޑް-19 ފެތުރުން ހުއްޓުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު، މާސްކް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގައި ދިރިއުޅޭ ރައްޔިތުންނަށް ފޮތި މާސްކް ވެސް ބޭނުން ކުރެވިދާނެއެވެ.

މުމްބާއީގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ މާސްކް އެޅުމަށް އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަންގައިފައެވެ. އަދި މި އެންގުމާ ހިލާފުވާ މީހުންނާ މެދުގައި ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ ފަރާތްތަކުން މިހާރު ވަނީ ދީފައެވެ.

ސާކްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ގަދަ އަށް ފެތުރެމުން އަންނަ އެ ގައުމަކީ އިންޑިއާއެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5،916 އަށް އަރައިފައެވެ. އަދި މި ބަލީގައި 178 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    ވަރަށް ރަނގަޅު ނިންމުމެއް .ގައިންގަޔަށް އަރާމިބަލިން ރައްކާތެރިވުމަށް ހުރިހާމީހުންވެސް މާސްކް އަލަންޖެހޭނެ. ބަލިޖެހިފަ ހުރިކަން ނޭގި ބަލިބެތުރޭ ކޮވިޑް އިން ސަލާމަތް ވެވޭނީ އެންމެންވެސް މަސްކް އަޅައިގެން.