މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މި ބަލި ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއިން ކުއްތާ މަސް ކެއުން މަނާކުރަން ތައްޔާރުވާން ފަށައިފިއެވެ.

މިއީ ޗައިނާގައި ކުއްތާ އަދި ބުޅާ މަސް ކެއުން މަނާކުރަން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. މިމައްސައްކަތް ފަށާފައި ވަނީ ޗައިނާގެ ވޫހާން ސިޓީގެ ޖަނަވާރު ވިއްކާ މާރުކޭޓަކުން ފެނުނު ނުރައްކާތެރި ވައިރެސް އެއް މުޅި ދުނިޔެއަށް ފެތުރި ގިނަ ބަޔަކު މަރުވަމުން ދިޔުމާއި ގުޅިގެންއެވެ.

އެގައުމުން ބުނިގޮތުގައި ކުއްތާ ގެންގުޅެންވާނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއްގެ ގޮތުގައި ކަމަށާއި ކާން ބޭނުންކުރާ މަހެއްގެ ގޮތުގައި ނޫނެވެ.

ޗައިނާގެ އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒްއިން ބުނިގޮތުގައި އިންސާނުންގެ ހަޟާރާތަށް އަންނަ ބަދަލާއި އަދި އާންމުން ޖަނަވާރުންނާއި މެދު ދެކޭގޮތް މިހާރު ބަދަލުވެފައި ވެއެވެ. އެގޮތުން މިހާރު ކުއްތާ މަހަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ވުރެ ބޮޑަށް އިންސާނުން އޮޅުކޮށްގެން ގެންގުޅޭ އެކުވެރި އެއްޗަކަށް ހަދަން ޖެހެއެވެ.

ޗައިނާގެ ނެޝަނަލް ކެޓަލޮގް އޮފް ލައިފް ސްޓޮކް އެންޑް ޕޮލްޓްރީ ޖެނެޓިކް ރިސޯސަށް ގެ ލިސްޓުން ކުއްތާ އާއި ބުޅާ މަސް އެއީ ކެއުމަށް ބޭނުން ކުރެވޭ ޖަނަވާރެއް ނޫންގޮތަށް ކަނޑައަޅައި ޑްރާފްޓް ލިޔުމެއް ވަނީ ބުދަ ދުވަހު އިއުލާނުކޮށްފައެވެ.

ކުއްތާ މަހުގެ ވިޔަފާރިއަށް އަހަރަކު 10 މިލިއަން ކުއްތާ މަރާލެވެއެވެ. ބެލެވޭ ގޮތުގައި ޗައިނާގެ އާބާދީގެ 20 އިންސަށްތަ މީހުން ކުއްތާ މަސް ކައި އުޅެއެވެ. 2016 ވަނަ އަހަރު މުޅި ޗައިނާ ހިމެނޭގޮތަށް ކުރިއަށް ގެންދެވުނު ސާވޭއެއްގައި ގިނަ ބަޔަކު ވަނީ ކުއްތާ މަހުގެ ވިޔަފާރި ހުއްޓާލުމަށް ގޮވާލާފައެވެ. އޭގެއިތުރުން، މި ސާވޭގައި ބައިވެރިވި 70 އިންސައްތަ މީހުން ބުނިގޮތުގައި އެމީހުންގެ ހަޔާތުގައި އަލަށްވެސް ކުއްތާ މަސް ކައިފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި ޗައިނާގެ ޝެންޖެން ސިޓީގައި ވަނީ ކުއްތާ މަހުގެ ވިޔަފާރި ކުރުން ދާއިމީކޮށް މަނާކޮށްފައެވެ. މި ސިޓީއަކީ ޗައިނާގައި ކުއްތާމަހުގެ ވިޔަފާރި ކުރުން ހުއްޓާލި ފުރަތަމަ އަވަށެވެ. ޗައިނާގައި ކުއްތާ މަހުގެ ވިޔަފާރި ހުއްޓާލުމަށް ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތްހަމަޖެހުންފާޅުކޮށްފައެވެ. ނަމަވެސް އެ ވިޔަފާރި ކުރާ މީހުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ޗައިނާގެ އިތުރުން ނައިޖީރިއާ، ޓޯގޯ އަދި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ކުއްތާ މަސް ކައި އުޅެއެވެ.

ކޮވިޑް-19 ޖެހިގެން ޗައިނަ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3335 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 81،865 އަށް އަރާފައެވެ. މި ބަލި މިހާތަނަށް 210 ސަރަހައްދަކުން ފެނިފައިވާއިރު 1،570،379 މީހުނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރޭގައި 92،192 މީހުން ވަނީ މިބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟިނިކާ

    ޗީ