ކޮވިޑް-19 ގެ ސަބަބުން އެހީ ބޭނުން ވެފައިވާ ވެނެޒުއެލާގެ ރައްޔިތުންނަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން 90 ޓަނުގެ އެހީ ފޮނުވައިފިއެވެ.

ޔޫއެން އިން ބުނެފައިވަނީ އެގައުމުން ވެނެޒުއެލާއަށް ފޮނުވާފައިވާ އެހީގެ ތެރޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ހުރިހާ ތަކެތި ހުންނާނެ ކަމަށެވެ. އެގޮތުން ހެލްތް ވޯކަރުންނަށް ބޭނުންވާ ސަލާމަތީ މާސްކާއި އޭޕްރޮންއާ އައިނާއި އަންގި ފަދަ ތަކެތީ 28،000 ތަކެއްޗާއި އޮކްސިޖެންއާ ކޮންސެންޓްރޭޓާއި ކުއްލި ހާލަތެއްގައި ކުޑަކުދިން އުފެއްލަން ބޭނުން ކުރާ އެނދުގެ އިތުރުން އެހެން ތަކެތި ހިމެނޭ ކަމަށް ޔޫއެން އިން ވަނީ ބުނެފައެވެ.

ޔޫއެން އިން ވެނެޒުއެލާއަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރު ޕީޓަ ގްރޮމޭން ބުނެފައިވަނީ އެގައުމަށް ފޮނުވާފައިވާ އެހީ އަކީ އެއީ ކޮވިޑް-19 އާއި ގުޅިގެން ޔޫއެން އިން އެގައުމަށް ފޮނުވާފައިވާ ފުރަތަމަ އެހީ ކަމަށެވެ.

ވެނެޒުއެލާ އަކީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ އެ ވައިރަސްގެ އަސަރު އެންމެ ގަދަޔަށް ކޮށްފައިވާ އެއް ގައުމެވެ. އެގޮތުން އެގައުމުގެ އިގްތިސޯދަށް ވަނީ ބޮޑު ހީނަރު ކަމެއް އައިސްފައެވެ. އަދި ކާބޯތަކެއްވާއި ބޭސް ފަދަ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެގެން މިހާތަނަށް އެގައުމުން ވަނީ 167 މީހަކު ރިޕޯޓް ކޮށްފައެވެ. އަދި މި ބަލި ޖެހިގެން 65 މީހަކު ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން އެގައުމުން މިހާތަނަށް މަރުވެފައިވަނީ 9 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު