ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ ސަބަބުން ސްޕެއިން އިން އިތުރު 683 މީހަކު މަރުވެއްޖެއެވެ.

މިއަދުގެ މިހައިތަނަށް މަރުވި މީހުންނާއި އެކު ވައިރަސްގެ ޝިކާރަ އަކަށްވެ ސްޕެއިން އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،238ށް އަރާފައެވެ. ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގަދައަށަ ވައިރަސް ފެތުރެމުން އަންނަ ގައުމު ކަމުގައިވާއިރު، މިހައިތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި އެމެރިކާ އަށް ފަހުގައި ދެވަނާގައި އޮތީވެސް ސްޕެއިންނެވެ. އެ ގައުމުން ޖުމްލަ 152،446 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް ބަންދު ކޮށްފައި ވާއިރު، ސްޕެއިންގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މި މަހުގެ 26ގެ ނިޔަލަށް ކާފިއުގެ މުއްދަތު އިތުރުކޮށް، އާއްމުން ގެތަކުގައި ބޭއްތިއްބުމަށް އެ ގައުމުގެ ސަރުކާރުނަ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މިއަދު ސްޕެއިން އިން 683 މީހަކު މަރުވި ނަމަވެސް، މިއީ ފާއިތުވެދިޔަ 2 ދުވަހާއި އަޅާ ކިޔާއިރު މަރުވި މީހުންގެ އަދަދުން ދަށް ވުމެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިއްޔެ އެ ގައުމުން ޖުމްލަ 757 މީހަކު ވަނީ ވަައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ.

މިހާރު މުޅި ދުނިޔެއިން އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ އެމެރިކާގައި މިހައިތަނަށް ޖުމްލަ 4 ލައްކަ އަށް ވުރެން ގިނަ މީހުން ފައްސިވެފައި ވާއިރު، މުޅި ދުނިޔެ އިން ފައްސިވި މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު