ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ ކޮވިޑް-19 ވައިރަސް ހުއްޓުވުމަށް ޔޫރަޕުގެ ގައުމުތަކާއި އެމެރިކާ އިން ނުކުޅެދިފައިވާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސިވިލާތުން ޖުމްލަ 887 މީހަކު ވަނީ މަރުވެފައެވެ.

މިއަދު އެ ގައުމުން މަރުވި 887 މީހުންނާއި އެކު މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7،984ށް އުފުލިފައެވެ. މިއަދު 887 މީހުން އެ ގައުމުން މަރުވި އިރު އިއްޔެ އެ ގައުމުން ވަނީ މި އަދަދުގެ އިތުރަށް 56 މީހުން މަރުވެފައެވެ. އަދި މިހާރު އެ ގައުމުން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 60،732ށް އުފުލިފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ސީރިއަަސް ކަމަށް ބުނާ މީހުންގެ އަދަދަށް ވުރެން މާ ގިނައިން ކޮންމެ ދުވަހަކުވެސް އެ ގައުމުން މީހުން ދަނީ މަރުވަމުންނެވެ. އަދި އެ ގައުމުގައި ބަލި ޖެހިފައިވާ މީހުން ރަނގަޅުވާ މިންވަރަކީވެސް ދުނިޔޭގެ ނިސްބަތުން ވަރަށް މަދު އަދަދެއް ކަންވެސް ފާހަގަކޮށްލެވެއެވެ.

މިހާރު މުޅި ދުނިޔެ އިންވެސް އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭއިރު، މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 90،000އާއި ގާތް ކުރާ އަދަދަކަށް އިތުރުވެފައެވެ.