ކޮވިޑް-19 ޖެހިގެން މިއަދު މިހާތަނަށް އެމެރިކާގެ ނިއުޔޯކުން އިތުރު 799 މީހަކު މަރުވެއްޖެއެވެ. މިއަދަކީ ނިއުޔޯކުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު ނިއުޔޯކުން 8766 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ނިއުޔޯކުން މިހާތަނަށް 159937 މީހަކު ވަނީ ކޮވިޑް-19 އަށް މިހާރު ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެތެއިން 7067 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާ ހުރިހާ ސްޓޭޓެއްގެ ގަޑިން އަދި ބުރާސްފަތި ދުވަސް ނުނިމޭތީ ބުރާސްފަތި ދުވަހު މަރުވި މީހުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިވަގުތާއި ހަމައަށް މިއަދު އެމެރިކާގެ އެކި ސްޓޭޓްތަކުން މަރުވި މީހުންގެ ޖުމްލަ 1038 އަށް އަރައެވެ.

ނިއުޔޯކްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި، ބަލި ފެތުރުން އިތުރުވަމުން އަންނައިރު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ހުރިހާ ހޮސްޕިޓަލެއް ވަނީ ފުރިފައެވެ. ބޭނުން ކުރަން ހުރި ހުރިހާ ވެންޓިލޭޓަރެއް ބޭނުން ކޮށްގެން މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ނިއުޔޯކުން ފާހަގަ ކުރެވޭ އަނެއް ކަމަކީ ބަލި ޖެހޭ ޒުވާނުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުކަމެވެ. ނިއުޔޯކުން ބަލި ޖެހުނު މީހުންގެ ތެރެއިން 39 އިންސައްތަ އަކީ އުމުރުން 18 އަހަރާއި 44 އަހަރާއި ދެމެދުގެ މީހުންނެވެ.

މިހާތަނަށް އެމެރިކާގެ ހުރިހާ ސަރަހައްދަކުން 449555 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 15826 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާ ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހު ވެސް އެމެރިކާ އިން ގިނަ އަދަދެއްގެ ބަޔަކު މަރުވާނެއެވެ.

ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތައް ބަލާއިރު ދެހަފްތާ ދުވަސް ވާއިރު ވެސް އެމެރިކާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު