ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ބިރުވެރިކަން އިތުރުވަމުން އަންނައިރު، މިބައްޔަށް ވެކްސިނެއް ނުއުފެއްދެނީސް ފުރަބަންދު (ލޮކްޑައުން) އެއްކޮށް އުވާލާ، އާއްމުން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އެއްވެސް ހިފެހެއްޓުމެއް ނެތި ދިނުން އެއީ ކުރަން ރަނގަޅު ނޫންކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ޔުނިވާސިޓީ އޮފް ހޮންކޮންގެ ޕްރޮފެސަރުން ކޮށްފައިވާ ދިރާސާއެކެވެ. ޕްރޮފެސަރުން ބުނެފައިވަނީ ޗައިނާގައި ކޮވިޑް-19 ފެތުރުން މިހާރު ކޮންޓްރޯލްވެފައި އޮތްނަމަވެސް ބަލި އެއްކޮށް ނައްތާލެފައިނުވާތީ އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ބަލި ފެތުރުން ކޮންޓްރޯލްވެފައިވާ މިދަނޑިވަޅުގައި، އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް، ސްކޫލަތްކާއި ކޮލެޖްތައް އަލުން ހުޅުވުމުން ބަލި އިތުރަށް ފެތުރިގެންދާނެ ކަމުގެ ބިރު އެބައޮތް" ޕްރޮފެސަރ ޖޮސެފް ޓުވޫ ބުނެފައިވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފިނަމަ، އިތުރަށް ބަލި ފެތުރެން ފަށާނެ ކަމުގެ އިންޒާރުވެސް ޕްރޮފެސަރުން ވަނީ ދީފައެވެ.

މިދިރާސާ ހެދުމަށް އެ ޔުނިވާސިޓިގެ ޕްރޮފެސަރުންވަނީ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ 29 ވަނަ ދުވަހަށް ބެއިޖިންގް، ޝަންހާއި، ޝެންޒެން އަދި ވެންޒޫގެ ކޮވިޑް-19 ގެ ހާލަތު ދައްކުވައިދޭ ތަފާސް ހިސާބުތަކެއް ލޯކަލް ހެލްތް ކޮމިޝަނުން ހޯދާފައެވެ.

މި ހުރިހާ ހިސާބުތަކަށް ބަލައި އެފަރާތްތަކުން ނިންމާފައިވަނީ ބަލި ފެތުރިގެން ދިޔަ ދުވަސްވަރު ވަކި ވަރަކަށް ކޮންޓްރޯލްވެފައި އޮތީ ސަރުކާރުން ފުރަބަންދު (ލޮކްޑައުން) އިއުލާން ކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އެހެންކަމުން އެފަރާތްތަކުންވަނީ ނުރައްކާތެރި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދެން ދެން ބޭރަށް ނުގޮސް ގޭގައި އެމީހަކު އަމިއްލަޔަށް އެކަހެރި ވެގެންތިބުން އެއީ ބަލި ފެތުރުން އެންމެ އަވަހަށް ކޮންޓްރޯލް ކުރެވޭނެ ގޮތް ކަމަށް ބުނެފައެވެ.

ފުރަބަންދުތައް އުވާލަން ސަރުކާރުތަކުން ބޭނުން ވަނީ ގައުމުތަކުގެ އިޤުތިޞާދަށް ވަމުންދާ ގެއްލުންތައް ކުޑަކުރަން ކަމަށާއި ނަމަވެސް އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، ސަރުކާރުތަކުން ފަހުން ކުރަން ޖެހޭ ޚަރަދުތައް ވެސް އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދިރާސާކުރި ޓީމުން ވަނީ ދީފައެވެ.

ފުރަބަންދު ކޮށްފައި އޮތުމުން ލިބޭ އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ދިރާސާ ކުރި ޓީމުން ފާހަގަ ކޮށްފައި ވަނީ އެއްސިޓީގައި ބަލި ވަރަށް ހަލުވިކޮށް ފެތުރިގެން ދިޔަ ނަމަވެސް އަނެއް ސިޓީއަށް އެކަމުގެ އަސަރެއް ނުކޮށް، ތައްޔާރުވުމަށް ވަގުތު ލިބުމެވެ. ޗައިނާ އިން ވެސް މިގޮތުން އެހެން ސިޓީތައް ބައްޔަށް ތައްޔާރުވާން ރަނގަޅު ވަގުތު ލިބުން އެއީ ޗައިނާ އިން ބަލި ކޮންޓްރޯލް ކުރެވުނު އެއް ސަބަބުގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޤާ ސިމް ބެ

  ފުރަ ބަންދު އުވާ ނުލިޔަސް ފަސް ބަންދު އުވާ ލެވޭނެ

  13
 2. މަ

  އަޅެ ސަރުކާރު ބަންދުވީމަ އޮފީހަށް ނުނިކުމެވޭތީ ލާރިއެއް ލިބޭނެގޮތެއް ނެތް. ކޮންމެހެން ކުރަންޖެހޭ ކަމެއް އެބައޮތޭ ކިޔާފަ ނެރުނަސް އިތުރުގަޑި ނުލިބޭ. ބައެއް ތަންތަނުގައި ރަސްމީ ގަޑީގައި މަސައްކަތް ކުރުވާފަ މިމަހު މުސާރަ ދޭންވީމަ އަސްލު ސަރުކާރު ބަންދެއް ނޫންކަމަށް ބުނެ މި ހުރިހާ ބަންދު ދުވަހަކު ނިކުތުމުންވެސް އިތުރު ގަޑީގެ ގޮތުގައި ނުބަލާ ތޯއްޗެއް. ސަރުކާރު ބަންދުކުރީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ކުޑަކުރަންށޭވެސް ބައެއް ފަހަރު ހިތަށް އަރާ. ކިހާ ބޮޑު އެއްޗެއް އެހެންވީމަ އެގޮތަށް ސޭވްވާނެ. ބޭސިކް 3400 ރުފިޔާ އެކަނި މި ލިބެނީ. މީގެން ގެއަށް ދައްކާހާވެސް ނުވޭ. ކީއްކުރާނީ.

 3. ކޮތަރު

  ޤާސިމްބެ ވިދާޅުވިގޮތަށް ފުރަބަންދު އޮތްގޮތަށް ބާއްވާފަ ފަސްނަމާދުގެ ޖަމާޢަތަށް މިސްކިތްތައް ކުރެވިފައިވާ "ފަސްބަންދު" އުވާލެވޭނެގޮތް ވެއްޖެއްޔާ ހާދަރަނގަޅޭ. ނަމާދުގެ ޖަމާޢަތުގައި ކުރެވޭ އިޚްލާޞްތެރި ދުޢާ އަކީ ހާދަހާވާ ފައިދާއެއް އޮތްކަމެކޭ. މިހެން މިދަންނަވަނީ އެއްގޮތަކަށްވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި ދެކޮޅުހެދުމަކަށް ނުވަތަ ގައިގޯޅިކަމަށް ހިއްވަރު ދުނިމަކަށް ނޫން. ހުކުރު ނަމާދާއި ފަރުޟު ނަމާދުތައް ޖަމާޢަތުގައި ނުކުރެވި ދުވަސްތައް ގިނަވަމުންދާތީ ހިތަށްކުރާ އަސަރެއްގެ ބޮޑުކަމުން. މިހާރު ޖެހިޖެހިގެން ހަތަރު ހުކުރު ނުކުރެވި މިދިޔައީ. ހިތާމައިގެ ކޮޅެއްވެސްނެތް. ކޮންމެ ކަމަކަށް ކުޅަދުންވަންތަ އޯގާވަންތަ މާތް ރަސްކަލާކޮ. އަޅަމެންނަށް އިބަރަސްކަލާނގެ ވާޖިބުކުރެއްވި ފަރްޟު ފަސްނަމާދު އެކަމުގެ އެއްމެ ފުރިހަމަ ގޮތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ކުޅައުމުގެ ފުރުޞަތު އަޅަމެންނަށް މިންވަރު ކޮށްދެއްވައި އެކަމަށް ހެއު ތަވްފީޤް ދެއްވަވާނދޭވެ. އާމީން.