ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން މިއަދު އިންޑިއާ އިން ވަނީ 48 މީހުން މަރުވެފައެވެ. އެހެންކަމުން މިހާތަނަށް އިންޑިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 226 އަށް އަރާފައެވެ. އަދި އިތުރު 809 މީހަކު މިއަދު ވަނީ ފައްސިވެފައެވެ. ފައްސިވި މީހުންގެ ޖުމްލަ ވަނީ މިހާރު 6725 އަށް އަރާފައެވެ.

މިއަދަކީ އިންޑިއާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އިންޑިއާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 620 މީހެކެވެ. އިންޑިއާގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން ހާލު ސީރިއަސް މީހުންގެ އަދަދެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިއަދު އެންމެ ގިނަ މީހުން މަރުވީ އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ މަހާރާޝްތުރަ ސްޓޭޓުންނެވެ. އެ ސްޓޭޓުން އެކަނިވެސް މިއަދު 25 މީހަކު މަރުވިއެވެ. މަހާރާޝްތުރަ އިން މިއަދު އިތުރު 229 މީހަކު ފައްސިވިއެވެ. އެ ސްޓޭޓުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1364 އަށް އަރައެވެ.

ދެން އެންމެ ހާލަތު ގޯސް ސްޓޭޓަކީ ޓަމިލްނާޑޫ އެވެ. ޓަމިލްނާޑޫން 834 މީހަކު ފައްސިވެ 08 މީހަކު ވަނީ މަރުވެފައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ވެރިރަށް ނިއުދިއްލީންނެވެ. ނިއުދިއްލީން 720 މީހަކު ފައްސިވެ 12 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިންޑިއާ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ގެއިން ބޭރަށް ނިކުމެ އެހެން މީހުންނާއި ބައްދަލު ކުރުމުގެ މައްސަލަތައް ވަރަށް ގިނައިން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝައޔގ

    އިންޑިޔާގަ ތިޔައްވުރެ މާގިނަ މީހުންނައް ހުންނާނީ ޖެހިފަ.

    20
  2. Anonymous

    ﷲ މި ނުބަައި ވަބާއިން ފަލަސްތީން ނޮކަ މެތިން ﷲސަލާމސތް ކުރައވާށި އާާ މީން

  3. Anonymous

    ގެރިމޯދީއަށް މިބަލި ލައްވާލިއްޔާ ރަނގަޅު .އަދިވެސް އިންޑިޔާ ގެ މުސްލިމުންނަށް އަނިޔާ ކުރާއިރު މަނާނުކުރޭ

    7
    1