ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސި (ޕޮޒިޓިވް) ވެގެން ފަރުވާދެމުން ދަނިކޮށް ހާލުކޮޅު ދެރަވުމުން އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ހޮސްޕިޓަލްގެ ވޯޑަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށް ބޮރިސްގެ ތަރުޖަމާނަކު ނޫސްތަކުގައި ބުނެފައި ވަނީ، ބޮރިސް އަށް އައިސީޔޫގައި ފަރުވާދެމުންދާތާ ތިން ދުވަސް ފަހުން ވޯޑަށް ބަދަލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ތަރުޖަމާނު ބުނެފައިވާގޮތުގައި ވޯޑުގައި ބޮރިސްގެ ހާލަތު ގާތުން މޮނިޓާކުރަމުން ދާއިރު މިހާރު އޭނާ ބަލިން ރަނގަޅުވުމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.

އުމުރުފުޅުން 55 އަހަރުގެ ބޮރިސް އަށް ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ސޭންޓް ތޯމަސް ހޮސްޕިޓަލްގައެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޑްކޮށްފައި ވަނީ ކޮވިޑް-19 ޖެހުނުތާ ދިހަ ވަރަކަށް ދުވަސް ވީއިރުވެސް ބަލީގެ އަލާމާތްތައް ފެންނަމުން ދިއުމާއި ގުޅިގެންނެވެ. ހޮސްޕިޓަލުގެ ވޯޑުގައި އެންމެ ފުރަތަމަ ފަރުވާ ދިނުމަށްފަހު ބޮރިސް އައިސީޔޫއަށް ބަދަލުކޮށްފައި ވަނީ ހާލު އިތުރަށް ގޯސްވުމުންނެވެ.

ބޮރިސް ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލުގައި އެޑްމިޑް ކުރުމާއި ގުޅިގެން އޭނާގެ ހުރިހާ ޒިންމާތަކާއި މިހާރު ހަވާލުވެ ހުންނެވީ އިނގިރޭސި ފޮރިން ސެކްރެޓަރީ، ޑޮމިނިކް ރާބް އެވެ.

ނޫސްތަކަށް މަޢުލޫމާތު ދެމުން އިއްޔެ ޑޮމިނިކް ވިދާޅުވީ، ބޮރިސް އަށް ވައިރަސް ޖެހިފައިވީ ނަމަވެސް، ކުރިޔަށް އޮތްތަނުގައި އޭނާ ބަލިން ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މި ވައިރަސްގެ ޝިކާރައަކަށް ވެފައިވީނަމަވެސް ބޮރިސްގެ ހާލު ސީރިއަސް ނުވާ ކަމަށް ޑޮމިނިކް ވިދާޅުވިއެވެ.

ބޮރިސް އަކީ އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސްއަށް ފައްސިވި އެޤައުމުގެ ސަރުކާރުގެ ފުރަތަމަ އިސް ފަރާތެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައެވެ. ނަމަވެސް މިހާރު ޕްރިންސްގެ ހާލު ރަނގަޅެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ދުނިޔެއިން އަށްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތްއިރު، މިހާތަނަށް 65077 މީހަކަށް އެޤައުމުން ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 7978 މީހަކު ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 135 މީހެކެވެ.