ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.

މި ވައިރަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސި (ޕޮޒިޓިވް) ވީ މީހުންގެ ޖުމްލަ އަދަދު މިހާރު 1,600,185 އަށް އަރާފައިވާއިރު، މިހާތަނަށް 209 ޤައުމު ނުވަތަ ސަރަޙައްދަކުން ވައިރަސް ވަނީ ފެނިފައެވެ. އޭގެތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައިވާ ޤައުމަކީ އެމެރިކާއެވެ. އަދި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ އިޓަލީއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް އިތުރުވެފައިވާއިރު، ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ފާއިތުވެދިޔަ 2-3 ދުވަހެއްގެ ތެރޭގައި ބަލި ޖެހޭ މީހުންނާއި މި ބަލީގައި މީހުން މަރުވާ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް، އިއްޔެ އަނެއްކާވެސް މި އަދަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރަކީ ދެވަނަ އަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ދުވަހެވެ.

ދުނިޔެއިން ކޮވިޑް-19 ފެތުރިފައިވާ ޤައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ އެމެރިކާއިން އެކަނިވެސް، ވައިރަސް ޖެހުނު މީހުންގެ އަދަދު 466,546 އަށް އަރައެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި ޖުމްލަ 16,607 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމަކީ ސްޕެއިން އެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 153,222 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 15,447 މީހަކު ވަނީ މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އިޓަލީއަކީ މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އެޤައުމުން ވައިރަސް ޖެހުނު 143,626 މީހުންގެ ތެރެއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 18,279 އަށް އަރައެވެ.

ދުނިޔެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާން ސިޓީގެ މަސް މާރުކޭޓަކުން، މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެއަށްފަހު އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދިޔަ ޤައުމަކީ ޗައިނާއެވެ. ނަމަވެސް ފަހުން އެޤައުމުން ވަނީ ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. ދުނިޔެއިން ކޮވިޑް-19 އަށް ހަވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެއްގެ ގޮތުގައި އޮތް ޗައިނާއިން 81,865 މީހަކަށް މި ވައިރަސް ޖެހި، އޭގެތެރެއިން 3,335 މީހަކު ވަނީ މަރުވެފައެވެ.

މި ވައިރަސް އާއި ގުޅިގެން ރާއްޖެ ހިމެނޭހެން، ވައިރަސް ފެނުނު ގިނަ ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވެއެވެ. އެގޮތުން ވައިގެ ދަތުރުތައް މަޑުޖައްސާލުމާއެކު، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށް ފުރަބަންދުގެ ވަގުތުތަކެއް ރާއްޖޭގެ އިތުރުން ގިނަ އަދަދެއްގެ ޤައުމުތަކުގައި ކަނޑައަޅާފައި ވެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން، ބަލި ޖެހުނު އެންމެން ރަނގަޅުވީ ޤައުމަކީ ގްރީންލޭންޑެވެ. އެޤައުމުން މި ވައިރަސް އަށް ފައްސިވެފައިވަނީ 11 މީހެކެވެ. އަދި ވައިރަސް ޖެހިގެން ފަރުވާ ކުރަމުން ދިޔަ އެއްވެސް މީހެއް އެޤައުމުން މަރުވެފައެއް ނުވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 355,671 މީހުންނެވެ. އަދި މި ބަލީގައި 49,148 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ދުނިޔެއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް މުޅި ދުނިޔެ ހުށަހެޅިފައިވާއިރު، މި ވައިރަސް ފެތުރެން ފެށުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާފަދަ ނުރައްކާތެރި ބަލިމަޑުކަމެކެވެ. ކޮވިޑް-19 ފެތުރޭތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، އަދި މި ވައިރަސް އަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ލަތީފް

    އީޔޫން ފައިސާ ދިނީ ބޭސްޓެސްޓް ކުރަން ދިވެހީން ބޭނުން ކުރަން.. ކުޑަފައިސާ ކޮޅަކަށް ރައިޔަތުންވިއްކީ އަންނީގެ ލޯޔަރު ހެދި ޑީލެއް.. އަންނިޔަށް 50% ލިބޭގޮތަށް އިތުބާރު ހުރިފާރާތަކުން ލިބުނު މައުލޫމާތެއް..

    މިއީ ޑޮކްޓަރުން އެހާރިސްކްބޮޑުކަށްމަށް އަދި މިބައްޔަށް އެކަށީގެންވާ ޑޯޒެއް ޓެސްޓްކޮށްފައި ނުވާބޭހެއް hydroxychloroquine .. ފޮކްސް ނިއުސް...
    އެކަމަކު މިހާރު ރާއްޖޭގައި މިކަމާއި ދެކޮޅަށް ގާނޫނެއް ނެތޭ ކިޔަފަ މިބޭނުން ކުރަން އުޅެނީ..

    އަންނި އާޢި ށާހިދު ކަލޭމެނަށް ލާކު ހުރި.. ގައުމުގެ މީހުން ތިވިއްކާލަނީ ކުޑަފައިސާ ކޮޅަކަށް..