ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޔަމަން އިން ކޮވިޑް-19 ފެނިއްޖެއެވެ.
ޔަމަން އިން ކޮވިޑް-19 ފެނުނުކަން ހާމަކޮށްފައި ވަނީ ސުޕްރީމް ނޭޝަނަލް އެމާޖެންސީ ކޮމެޓީގެ ޓްވިޓާގައެވެ.
އެ ގައުމިން ބަލި ފެނުނު މީހާގެ ގައިގައި ބަލި ހުރިކަން ކަށަވަރުކޮށްފައި ވަނީ، ޙަޟަރުމައުތުގައި ހެދި ޓެސްޓުތަކުން ކަމަށް ވެއެވެ.
އަދި ކޮވިޑް-19 ޖެހިފައި ވަނީ އަޝް ޝިހްރް ޕޯޓުގައި މަސައްކަތް ކުރަމުންދާ ޔަމަން އަށް ނިސްބަތްވާ މީހަކަށް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
ޔެމަނުން ވައިރަސް ފެނުމާއި އެކު މާދަމާގެ ނިޔަލަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މިއާއިއެކު ކާފިއު އުވާލެވެންދެން އާއްމުން ބޭރަށް ނިކުމެ އުޅުމާއި، ވިޔަފާރިތައް ހިންގުން ވަނީ ވަގުތީގޮތުން މަނާ ކޮށްފައެވެ.
ޔަމަނުން ވައިރަސް ފެތުރިއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ ބިރު މިހާރު ވަނީ ފެތުރެން ފަށާފައެވެ. އެއީ އެ ގައުމުގައި މީގެ 6 އަހަރު ކުރިން ފެށިގެން ހިނގަމުން އަންނަ ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ ސިއްހީ ނިޒާމު އެހައި ރަނގަޅު ފައްތަރެއްގައި ނެތުމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު 1.6 މިލިއަނަށް ވުރެން ގިނަ މީހުން ވައިރަހަށް ފައްސިވެފައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވި މީހުންގެ އަދަދު މިއަދު 1 ލައްކަ އަށް އަރާނެކަމަށް ބެލެވެއެވެ.