ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 496 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަަނަށް 24 ގަޑިއިރު ތެރޭގައި އެ ގައުމުން އެންމެ ގިނަބަޔަކު މަރުވި ފަހަރެވެ.

ބެލްޖިއަމުން މި ވައިރަސް ޖެހިގެން މީގެ ކުރިން އެންމެ ގިނަބަޔަކު މަރުވެފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު 403 މީހަކު ވަނީ މި ވައިރަސް ޖެހިގެން މަރުވެފައެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 3019 އަށް ވަނީ އަރާފައެވެ.

އެ ގައުމުން އިތުރު 1684 މީހަކު މި ވައިރަސްްއަށް ފައްސި (ޕޮޒިޓީވް) ވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،667 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން 1278 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 5568 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މިއީ އެ ގައުމުން ތިން ވަނައަށް އެންމެ ގިނަބަޔަކު ފައްސިވި ދުވަހެވެ.

ބެލްޖިއަމުންވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މި ބަލި ޖެހިގެން މަރުވަމުންނެވެ. މިހާރު ދުނިޔޭގެ 210 ސަރަހައްދަކުން މި ބަލި ވަނީ ފެނިފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96,791އަށް އަރާފައެެވެ.