ފްރާންސްގެ އަސްކަރީ މަނަވަރެއްގައި ތިބި އެޤައުމުގެ އަސްކަރިއްޔާގެ 50 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް، އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފްރާންސްގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި 50 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ، އެމީހުންގެ ގައިން އަލާމާތްތަކެއް ފެނުމުން ހެދި ޓެސްޓުތަކަށް ފަހު ކަމަށެވެ. މި 50 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު އެމީހުން ތިބީ ފްރާންސްގެ އެއާކްރާފްޓް ކެރިއަރެއްގައެވެ. ގިނަ އަދަދެއްގެ ބަޔަކު މި މަނަވަރުން ވައިރަސް އަށް ފައްސިވެފައިވާކަން އެނގުނުއިރު މަނަވަރު ދަތުރުކުރަމުން ދަނީ އެޓްލާންޓިކް ކަނޑުންނެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މީހުންގެ ގައިން އަލާމާތްތައް ފެނުމާއި ގުޅިގެން އޭޕްރިލް 8 ވަނަ ދުވަހު އެ އެއާކްރާފްޓް ކެރިއަރަށް މެޑިކަލް ޓީމެއް ވަނީ ފޮނުވާފައެވެ. އެ ޓީމުން ހެދި ޓެސްޓުތަކަށްފަހު 50 މީހަކު ވައިރަސް އަށް ފައްސި ވެފައިވާކަން އެނގުމުން ޖެހިގެން އައި ދުވަހު އެމީހުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 50 މީހަކު އެޤައުމުގެ އަސްކަރީ މަނަވަރަކުން ކޮވިޑް-19 އަށް ފައްސިވިއިރު އޭގައި ޖުމްލަ 66 މީހަކު ތިއްބެވެ. މި މަނަވަރު އެނބުރި ފްރާންސް އަށް ދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ފްރާންސް އަކީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 117749 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 12210 މީހަކު ވަނީ މަރުވެފައެވެ. ފްރާންސް އަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ދުނިޔެއިން ހަތަރުވަނަ އަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 1617073 މީހަކު މި ވައިރަސް އަށް ފައްސިވެ، އޭގެތެރެއިން 96966 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 365847 މީހުންނެވެ.