ދުނިޔޭގެ ހުރިހަ ހިސާބެއްގައި ވައިރަސް ފެތުރެމުން އަންމަ މި ދަނޑިވަޅުގައި އެކި ގައުމުތަކުން އަޅަމުން ގެންދަނީ އެކި ފިޔަވަޅުތަކެވެ. މިގޮތުން އެންމެ ތަފާތު ގޮތަކަށް އަމަލު ކުރަމުން ގެންދާ އެއް ގައުމަކީ ސްވިޑެން އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ވައިރަސް ކޮންޓްރޯލް ކުރަން ގައުމު ފުރަބަންދު ކޮށް، އާއްމުން އެއްވެ އުޅުން މަނާކޮށްފައި ވީ ނަމަވެސް، ސްވިޑެންގައި މިފަދަ އެއްވެސް ހަރުކަށި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެ ގައުމުގެ ރެސްޓޯރެންޓުތަކާއި ސްކޫލްތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތައްވެސް އާދައިގެ މަތިން ދަނީ ކުރިއަށެވެ.

ސަރުކާރުން އެޅި ހަމައެކަނި ފިޔަވަޅަކީ އުމުރުން 70 އަަހަރުން މަތީގެ މީހުން ގެތަކުގައި ތިބުމަށް އަންގައި، އާއްމުން އަމިއްލަ ސިއްހަތަށް ވިސްނައި، ގިނަގިނައިން އަތް ދޮވެ، ގިނަ މީހުން ތިބޭ ތަންތަނަށް ދާއިރު ސަމާލުވުމަށް އެންގުމެވެ.

މިކަމާއި ގުޅިގެން ބޭރުގެ ބައެއް ގައުމުތަކާއި ސްވިޑެންގެ ބައެއް ރައްޔިތުންވެސް ފާޑު ކިޔަމުން އަންނައިރު، 2،000ށް ވުރެން ގިނަ ސިއްހީ އޮފިޝަލުން ވަނީ ގައުމު ފުރަބަންދުކޮށް، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިވެސް ކޮށްފައެވެ.

ސްވިޑެންގެ ފޮރިން މިނިސްޓަރު ބުނެފައިވާ ގޮތުގައި އެމީހުންގެ ޕޮލިސީ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި ލޮކްޑައުން ނުކުރާ އިރުވެސް ސްވިޑެންގެ ހާލަތު ޔޫރަޕްގެ އެހެން ގައުމުތަކާއި އަޅާ ކިޔާއިރު ވަކި ގޯސް ނޫން ކަމަށެވެ.

މިނިސްޓަރު އިތުރަށް ބުނެފައި ވަނީ އާއްމުންގެ އަތް މައްޗައް ރައްކާތެރިވާން ދޫކޮށްލުމުން އެކަމުގެ ނަތީޖާތައް ފެންނަމުންދާ ކަމަށާއި، އާއްމު ދަތުރުފަތުރަށް ބޭނުންކުރާ ސަބްވޭތައް މީގެ ކުރިން ތޮއް ޖެހިފައި އޮތް ނަމަވެސް، މިހާރު އެފަފަ އާއްމު ދަތުރު ފަތުރުތައް ބޭނުން ކުރަނީ ވަރަށްވެސް މަދު ބައެއް ކަމަށެވެ.

ސްވިޑެން އިން މިހައިތަނަށް 9،141 މީހުން ވަައިރަހަށް ފައްސިވެފައި ވާއިރު، 739 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ރެހިއޮޑިއެއް މަރުވާހެން ރައްޔިތުން ހަނާވާންފެށުމުން ވާގޮތް އެނގިދާނެ!

  2. ޢާސީ

    ޓތިޔައުޅެނީ ގިނައިން ފައިސާ ލިބޭނެކަމަށް ނޫނީ ސިޔާސީ މަގުސަދެއް ހާސިލުވޭތޯ ތިބޭބަލަން ވަރައްހީވެ ވާނެތިވީމަ ބުނާނެ ފުރަބަންދޭ ކީއްކުރާނީ ދަހިވެތިކަން