ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލާއި ގުޅިގެން މެލޭޝިއާގައި އިއުލާނުކޮށްފައިވަ ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެޤައުމުގައި ކުރިން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދެވަނަފަހަރަށް އިތުރުކޮށް މިއަދު އެކަން އިއުލާނުކޮށްވައި ވަނީ، މެލޭޝިއާގެ ބޮޑުވަޒީރު، މުހިއްޔިއްދީން ޔާސީން އެވެ.

މިކަން ހާމަކުރައްވަމުން މުހިއްޔިއްދީން ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކަލުން ޤައުމު އަދި ސަލާމަތް ނުވާކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ވައިރަސް އާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ކުރަންޖެހޭ ކަމަށާއި، މި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މުހިއްޔިއްދީން ވިދާޅުވެފައި ވަނީ، ފުރަބަންދުގެ މުއްދަތު އަދިވެސް ދުވަސްތަކަކަށް ދިގުދެމިގެން ހިނގައިދާނެ ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާން މަސް ކުރިޔަށް އޮތް ދުވަސްތަކުގައި ދިމާވާއިރު، މި މަހާއި ދިމާކޮށް ބާޒާރުކުރަން ދިއުމާއި ބޭރުން ރޯދަ ވީއްލަން ބޭނުންވާ ތަކެތި ގަންނަން ކޮންމެ ދުވަހަކު ނިކުމެ އުޅުމާއި އަދި އާއިލާއަށް ޒިޔާރަތްކުރުން ފަދަ ކަންކަން މި ދުވަސްވަރު ރައްކާތެރި ނޫންކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މެލޭޝިއާގައި ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފައި ވަނީ އިތުރު ދެ ހަފްތާއަށެވެ. އެއީ އެންމެ ފަހުން މި މުއްދަތު އިތުރު ކުރި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 28 ވަނަ ދުވަހާއި ހަމައަށެވެ. އެހެންކަމުން ކުރިޔަށް އޮތް ރޯދަ މަހުގެ ބައެއް ދުވަސްތައް ވެސް މި ބަންދާއި ދިމާވެއެވެ. އެޤައުމުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުން އެންމެ ފުރަތަމަ ފުރަބަންދުގެ އަމުރެއް ނެރެފައި ވަނީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ.

މެލޭޝިއާގައި ވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ، ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 4346 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން 70 މީހަކު މިހާތަނަށް މަރުވެފައި ވެއެވެ. އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެޤައުމުން މިހާތަނަށް 1830 މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ. އަދި 69 މީހަކަށް ސީރިއަސް ހާލުގައި ފަރުވަދެމުން ދެއެވެ.

މެލޭޝިއާގައި ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެޤައުމާއި އިންވެގެން އޮންނަ ސިންގަޕޫރު ވެސް އޮތީ ފުރަބަންދުކޮށްފައެވެ. ސިންގަޕޫރުން މިހާތަނަށް 1910 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.