ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ތައިލޭންޑުގެ އެންމެ މަގުބޫލު ރަށް ކަމުގައިވާ ޕްކެޓު ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

ތައިލޭންޑުގެ ވެރިރަށް ބެންކޮކް އަށް ވުރެންވެސް ހަލުވިކަމާއި އެކު ޕުކެޓުގައި ވައިރަސް ފެތުރެމުން ގެންދިއުމުން އެރަށް ފުރަބަންދު ކޮށްފައިވާއިރު، ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީވެސް ޕްކެޓު ސަރަހައްދުންނެވެ.

އިއްޔެ އިން ފެށިގެން ޕްކެޓު ފުރަބަންދު ކުރުމާއި އެކު އެ ޕްރޮވިންސް ވެގެން ގޮސްފައި ވަނީ ތައިލޭންޑުގައި މިހަައިތަނަށް އެއްކޮށް ފުރަބަންދު ކުރި ހަމައެކަނި ޕްރޮވިންސަށެވެ. ޖުމްލަ 2 ހަފްތާގެ މުއްދަތަށް މި ފުރަބަންދު ދެމިގެންދާނެއިރު، ޕްކެޓުގެ އެއާޕޯޓާއި، އެ ޕްރޮވިންސުން ބޭރުވާން އޮންނަ މައި ބްރިޖުގެ އިތުރުން ކަނޑު މަގުންވެސް ހުއްދަ ދެވިފައިވާ ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތަކުން އެ ޕްރޮވިންސުން ބޭރުވުން ނުވަތަ އެތެރެވުންވެސް ވަނީ މިހާރު މަނާ ކޮށްފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕްކެޓުގައި މިވަގުތު ފަތުރުވެރިން ނެތް ހޮޓެލްތައް ބަންދުކުރަން އަންގާފައި ވާއިރު، މިހާރުވެސް އެ ޕްރޮވިންސުގެ 80 އިންސައްތަ އަށް ވުރެން ގިނަ ހޮޓެލްތައް ހުރީ ބަންދުކޮށްފައެވެ. އަދި ފުރަބަންދު އުވާލަންދެން އާއްމުން ގެތަކުގައި ތިބުމަށްވެސް ވަނީ އަންގާފައެވެ.

ތައިލޭންޑުގައި މިހައިތަނަށް 2،473 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 33 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި ފަރުވާ ދީގެން 1،013 މިހަކު ވަނީ ރަނގަޅު ކޮށްފައެވެ.