ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އީރާނުގައި ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ބަލިން ރަނގަޅުވެފައިވާ ކަން އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އީރާންގެ ޓީވީ ޗެނަލަކަށް މަޢުލޫމާތު ދެއްވަމުން އެޤައުމުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު، ކިއާނުޝް ޖަހަންޕޫރު މިއަދު ވިދާޅުވީ އީރާނުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މި ބަލިން އެޤައުމުގައި ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް-19 ގެހިގެން އީރާނުގައި ފަރުވާދެމުންދާ މީހުން ރަނގަޅުވާ ނިސްބަތް ދަނީ އިތުރުވަމުން. މިހާތަނަށް އީރާނުން ވައިރަސް ޖެހިގެން ފަރުވާދިން 68192 މީހެއްގެ ތެރެއިން 35465 މީހަކު ވަނީ ރަނގަޅުވެފައި" ތަރުޖަމާން ޖަހަންޕޫރު ވިދާޅުވިއެވެ.

އީރާނަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދިޔަ ދުވަސްވަރު މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވި އެއް ޤައުމެވެ. ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވި ޤައުމެއްގެ ގޮތުގައި އޭރު އީރާން އޮތްއިރު، މިހާރު އެޤައުމަކީ ދުނިޔެއިން 7 ވަނައަށް އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހުނު ޤައުމެވެ.

މިހާތަނަށް އީރާނުން ކޮވިޑް-19 ޖެހުނު 68192 މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 4232 އަށް އަރާފައެވެ. އޭގެތެރޭގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ މަރުވި 122 މީހުންވެސް ހިމެނެއެވެ. މިއީ ކުރިން އެޤައުމުން މިބަލީގައި މަރުވަމުންދިޔަ މީހުންގެ ނިސްބަތާއި އަޅާބަލާއިރު މަދު އަދަދެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އީރާނުން މި ވައިރަސް އަށް ފައްސިވީ މީހުންގެ އަދަދު 1972 އަށް އަރައެވެ. އެހެންކަމުން ވައިރަސްގެ ނުރައްކާ އަދިވެސް އީރާނަށް ކުޑައެއް ނުވެއެވެ.

މިހާތަނަށް އީރާނުގައި ވައިރަސް ޖެހުނު ގިނަ އަދަދެއްގެ ބަޔަކު، މި ބަލިން ރަނގަޅުވެފައިވާކަން އެޤައުމުގެ އިދާރާތަކުން ހާމަކޮށްފައި ވާއިރު، އެޤައުމުގައި ކޮވިޑް-19 ޖެހިގެން 3969 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

އީރާން ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 1621756 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 97185 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 366263 އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުސަން

    ވަރަށް ހިއްވަރުގަދަ ބައެއް އީރާނަކީ އެހާ ފިޔަވަޅު އަޅާފަ އޮންނަ އިރުވެސް ހާދަގަދައޭ...އެމަރިކާ މިއުޅެނީ ދާދާއަށް ހެދިގެން ހުދު އަމިއްލަ ގައުމު ނުހިފަހެއްޓިގެން...