ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 570 މީހަކު މަރުވެއްޖެއެވެ.

މިއަދު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ވަނީ އިއްޔެ އަށް ވުރެ މަދުވެފައެވެ. އިއްޔެ އެގައުމުން 610 މީހަކު މަރުވިއެވެ. ނަމަވެސް އޭގެ ކުރީ ދުވަހު މަރުވީ 542 މީހުންނެވެ. މިއަދު އިޓަލީވިލާތުން މަރުވި މީހުންނާއި އެކު އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18849 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން އިތުރު 3951 މީހަކު ފައްސި (ޕޮޒިޓިވް) ވިއެވެ. ފައްސިވި މީހުންގެ އަދަދު ވެސް އިއްޔެ އަށްވުރެ މިއަދު މަދެވެ. އިއްޔެ 4204 މީހުން ފައްސިވިއެވެ. ނަމަވެސް އޭގެ ކުރީ ދުވަހު ފައްސިވި މީހުންނަށްވުރެ މިއަދު ފައްސިވި މީހުން ގިނައެވެ. ބުދަ ދުވަހު ފައްސިވީ 3836 މީހުންނެވެ. މިހާރު އިޓަލީވިލާތުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 147477 އަށް އަރާފައެވެ.

މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 30455 މީހުންނެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3497 މީހަކުގެ ހާލު ސީރިއަސްއެވެ.

އިޓަލީވިލާތުގެ ހާލަތު މިހާރު ކޮންޓްރޯލް ވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ނަމަވެސް ބަލި ޖެހުނު މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށްވަމުން އައުމަށްފަހު އިއްޔެ އަދަދު އިތުރު ވެފައި ވާތީ ހާލަތައް އަންނާނެ ބަދަލު ލަފާކުރަން ވަނީ ދަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު