އިންޑިއާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 896 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށާއި އަދި އިތުރު 37 މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

މިއަދަކީ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުންނަށް އިންޑިއާ އިން ކޮވިޑް-19 ޖެހުނު ދުވަހެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 6761 އަށް އަރައެވެ. މިހާތަނަށް އިންޑިއާ އިން ވަނީ 206 މީހަކު މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތީ ސްޓޭޖް-03 ގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެއެވެ. އެއީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރެމުން ދިއުމުން އިއުލާން ކުރާ ސްޓޭޖެކެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އިންޑިއާ މިހާލަތައް ދިޔައީ ފިޔަވަޅުތައް އެޅުން މާބޮޑަށް ލަސް ކުރުމުންނެވެ.

އިންޑިއާ 21 ދުވަހަށް ފުރަބަންދު (ލޮކްޑައުން) ކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިންމުމުން އެގައުމު މިހާރު އޮތީ ފުރަބަންދު ކޮށްފައެވެ. ނަމަވެސް އަދިވެސް މީހުން ގެއިން ނިކުމެ، އެއްތަނަކަށް އެއްވެ އުޅުމުގެ މައްސަލަތައް ވަރަށް ގިނައިން ދަނީ ފާހަގަ ކުރެވެމުންނެވެ.

އިންޑިއާގެ ފުރަބަންދުގެ މުއްދަތު ހަމަވާނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް އެމުއްދަތު އިތުރު ކުރާނެ ކަމަށް މިހާރު ބެލެވެއެވެ. ސަބަބަކީ ދުވަހެއް ދުވަހަކަށް އިންޑިއާގެ ހާލަތު ގޯސްވަމުން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި އާއިލާ

    އިންޑިޔާގެ އެކިސިޓީ ތަކުގަ ތިބި ދިވެހި އާއިލާތައްލަސް ނުކޮށް ގެނެސްދީ، ފޮރިންމިނިސްޓަރގެ ބެއްލެވުމުގެ ދަށުން ލަސްނުކުރައްވާ، އެއީ ދިވެހި އާއިލާތަކަށް ވެވޭ ބޮޑު އެހީއެއް!