ކޮވިޑް-19 ޖެހިގެން ފްރާންސުން މިއަދު ވެސް އިތުރު 987 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13191 އަށް އަރާފައެވެ. ފްރާންސުން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިއްޔެއަށް ވުރެ މަދުވެފައެވެ. އިއްޔެ އެގައުމުން 1341 މީހަކު މަރުވިއެވެ. މިއަދު މަރުވި މީހުންގެ ތެރެއިން 554 މީހުންނަކީ ހޮސްޕިޓަލްތަކުގައި މަރުވި މީހުންނެވެ. ބާކީ 433 މީހުންނަކީ ނާސިން ހޯމްތަކުން މަރުވި މީހުންނެވެ.

މިއަދު ފްރާންސުން ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ އަށްވުރެ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިއަދު 7004 މީހަކު ވަނީ ފައްސިވެފައެވެ. އިއްޔެ ފައްސިވީ 4799 މީހުންނެވެ. މިހާތަނަށް ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 124869 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 24932 މީހުންނެވެ.

މިއަދު ފުރާންސުން ވަނީ ކޮވިޑް-19 ޖެހިގެން 10 އަހަރުން ދަށުގެ ކުއްޖަކު ވެސް މަރުވެފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު އެއް ގައުމެވެ. ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އެގައުމުގެ ހާލަތު އައީ ގޯސްވަމުންނެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ފަހުކޮޅު ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވުމަށް ފަހު ދެން ހާލަތު ގޯސްވީ މާޗް މަހުގެ 10 ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ.

ކޮވިޑް-19 ފްރާންސްގައި ފެތުރުން ކޮންޓްރޯލް ކުރަން އެގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮންނަމަވެސް އަދި އެންމެ ރަނގަޅު ނަތީޖާއެއް ފެންނަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު