ފިލިޕީންސް އަށް މިރޭ ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުންތައް އައިސްފައި ވަނީ ފިލިޕީންސްގެ އުތުރުގެ ސަރަޙައްދުގައިވާ ޖަޒީރާ ރަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ބަޓާން އައިލޭންޑްސް އަށާއި، އެޤައުމުގެ ދެކުނުގައި އޮންނަ މިންޑާނައޯ ނަމަކަށްކިޔާ ރަށަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މީގެ ތެރެއިނ ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ބަޓާން އައިލޭންޑްސް އަށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.9 އަށް އަރާ ކަމަށާއި، ބިންހެލުން އައިސްފައި ވަނީ އެ ސަރަޙައްދުގެ ބިމުގެ 179 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.

ފިލިޕީންސް އަށް ދެވަނަ ބިންހެލުމެއް އެޤައުމުގެ މިންޑާނައޯ އަށް އައިސްފައިވަނީ ދާދި ދެންމެއަކު، ރެކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ އެރަށުގެ ބިމުގެ 80 ކިލޯމީޓަރ ކަމަށް ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެއެވެ.

ބަޓާން އައިލޭންޑްސް ހިމެނެނީ ފިލިޕީންސްގެ އެންމެ އުތުރުގެ ސަރަޙައްދުގައެވެ. އެ ރަށަކީ އެ ސަރަޙައްދުގައި އޮންނަ އެންމެ ބޮޑު ޖަޒީރާ ރަށެވެ. ދިގުމިނުގައި 20 ކިލޯމީޓަރު ހުންނަ މި ރަށަކީ 7000 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފިލިޕީންސް އިން މިރޭ ބިންހެލުން އައި ދެވަނަ ރަށް ކަމަށްވާ މިންޑާނައޯ އަކީ 25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބޮޑު ރަށެކެވެ.

މި ބިންހެލުންތައް އައި ވަގުތު އެ ސަރަޙައްދުތަކުގައި އުޅޭ ގިނަ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މިރޭ ފިލިޕީންސް އަށް ބާރުގަދަ ދެ ބިންހެލުމެއް އައިއިރު، ބިންހެލުން އައި ސަރަޙައްދުތަކަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. މި ބިންހެލުމުގެ ލޮޅުންތައް ކައިރީގެ އެހެން ބައެއް ރަށްތަކަށްވެސް އިހުސާސް ކުރެވިފައިވާ ކަމަށް ވެއެވެ.

މިރޭގެ ދެ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް މިހާތަނަށް ނެރެފައެއް ނުވެއެވެ.