ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތައް ފުނޑި، އިޖްތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ ކަމަށް ދުނިޔެގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މިއީ ދުނިޔޭގެ ގައުމުތަކުން އެކުގައި ނުކުމެ ފިޔަވަޅު އަޅަން ޖެހޭ ވަގުތު ކަމަށެވެ. ދުނިޔެއަށް ދަތި ހާލަތެއް ކުރިމަތިވެފައި އޮތް އިރު، މިއީ ދެބަސްވާންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ މިކަމުން އަރައިގަތުމަށް ހުރިހާ ގައުމެއް ވެސް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މަގްސަދުތައް ހާސިލް ކުރަން ބަލިމަޑުކަން ބޭނުން ނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ދުނިޔެއަށް ބޮޑު ބަލާއާފާތެއް ކުރިމަތިވެފައިވާ މިދަނޑިވަޅަކީ ޤައުމުތަކުން ދެބަސްވާންވީ ވަގުތެއް ނޫން. ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަރަށް ބޮޑު،" ޓެޑްރޯސް ވިދާޅުވިއެވެ.

ގޮތް ނޭނގޭ ވައިރަހެއް ނުވަތަ ނިއުމޯނިއާގެ ބާވަތެއް ފެތުރޭކަން ޗައިނާ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ޑިސެމްބަރު 2019 ވަނަ އަހަރުގެ 31 މަހު ރިޕޯޓުކުރެވިފައިވާ އިރު ވައިރަހުގެ ސަބަބުން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ ޖެނުއަރީ މަހުގެ 9 ވަނަދުވަހުއެވެ.

ޗައިނާގެ ވޫހާން ސިޓީ އިން އުފަންވި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އައިސް މި އަދަދު ބައި ލައްކަ ނުވަތަ 50،000 އެރީ 83 ދުވަހުގެ ތެރޭގައެވެ. އެގޮތުން މި އަދަދު ދެ ގުނަވެ މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރަން ނެގީ އެންމެ އަށް ދުވަހެވެ.

ހަލުވިކަމާއެކު ފެތުރުނު މި ނުރައްކާތެރި ވައިރަސް އިންސާނީ ނަސްލު ތެރެއަށް ހާމަވެގެން ދިޔައިރު ވައިރަހުގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބައްޔަށް 1.6 މިލިއަން މީހުން ވަނީ ޕޮސިޓިވް ވެފައެވެ އެގޮތުން ބަލީގައި މަރުވި މީހުންގެ އަދަދު 102،732 އަރައެވެ. މި ބަލިން މިހާތަނަށް ތިން ލައްކަ އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު ވަކި ފަރުވާއެއް އަދި ވަނީ މި ބައްޔަށް ނުހޯދިފައެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާއަށެވެ. އެ ގައުމުން މިހާތަނަށް 502,876 މީހުން ކޮވިޑް އަށް ޕޮޒިޓިވްވެފައިވާ އިރު 18,747 މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން އެ މެރިކާގެ ސިޓީއެއްކަމުގައިވާ ނިއު ޔޯކުން އެކަނި ވެސް ވަނީ 172,358 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން ނިއު ޔޯކަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ނިއުޔޯކުން މިހާތަނަށް 7،844 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު