ޗައިނާގެ ވޫހާން ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ 87 އަހަރުގެ އަންހެނަކު އިރުއޮއްސޭ މަންޒަރު ބަލަން ދިޔަ ފޮޓޯއަށް އާންމުންގެ މަގުބޫލުކަން ލިބިއްޖެއެވެ. އުމުރުން ދުވަސްވީ އަންހެން މީހާ މިހާރު ބަލިން ރަނގަޅުވެފައިވާ އިރު، އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ޗައިނާގެ ވުހާން ހޮސްޕިޓަލުގައި ދެމަހަށް ވުރެ ގިނަ ދުވަހު އޮތް މި ބަލި މީހާ ކޮވިޑް-19 އިން ރަނގަޅުވި ކަން އިއްޔެ ވަނީ ހާމަކޮށްފައެވެ. ވެންގް ޒިން ފެބްރުއަރީ 11 ވަނަ ދުވަހު ވުހާން ޔުނިވާސިޓީ ހޮސްފިޓަލުގައި އެޑުމިޓުކޮށްފައިވަނީ ހުމުގެ އަސަރުތަކެއް ހުރުމުންނެވެ. އޭނާ ބުނި ގޮތުގައި ބަލި ޖެހުނު ދުވަސްވަރު އަމިއްލަ އަށް އެއް ފަރާތުން އަނެއް ފަރާތެއް ނުވެސް އެނބުރެވެއެވެ. އެހެންވެ، އޭނާ އަށް އެހީތެރިވީ ޑޮކްޓަރުންނާއި ނަރުހުން ކަމަށް އޭނާ ބުންޏެވެ.

މާޗު ފަސް ވަނަ ދުވަހު ސީޓީ ސްކޭނެއް ނެގުމަށް ޑރ. ލިއު ކައި އޭނާ ގޮވައިގެން ދަނިކޮށް ވޭންގު ވަނީ އިރު އޮއްސޭ މަންޒަރު ބަލަން އެދިފައެވެ. އަދި ވޭންގު އެނދުގައި އަދި ޑޮކްޓަރު އޭނާގެ ފުލް ޕްރޮޓެކްޝަން ކިޓްގައި ހުންނަ މަންޒަރު ފެނިގެންދާ ފޮޓޯއެއް ވަނީ މީސްމީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައެވެ.

ވެންގްއަކީ ވޫހާންގެ ފިލްހާމޯނިކް އޯކަސްޓްރާ ގައި މަސައްކަތް ކުރާ ވަޔަލިނިސްޓެކެވެ. މާރިޗު 30 ވަނަ ދުވަހު އޭނާ ވަނީ އޭނާގެ އެހީތެރިން ސަންހާއީ އަށް ދިޔުމުގެ ކުރިން ވަޔަލިން ކުޅެގެން ޝުކުރު އަދާކޮށްފައެވެ. ވޭންގް ރަނގަޅުވުމާ ގުޅިގެން އޭނާގެ ދަރިފުޅު ވަނީ ވޭންގަށް ފަރުވާ ދިނުމުގައި އުޅުނު ހުރިހާ ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

އޭޕްރިލް ނުވަ ވަނަ ދުވަހު ވޭންގު އަށް ވަނީ "ވިކްޓޯ" ގެ ސެޓުފިކެޓަކާއި ހޮސްޕިޓަލު ޑީންގެ ފަރާތުން މާބޮނޑިއެއް ލިބިފައެވެ. އަދި ހުރިހާ ސިއްހީ އެހީތެރިން ވަނީ ދިޔުމުގެ ކުރިން އަލްވަދާއު ކިޔާފައެވެ.

މިހާރު އޭނާވަނީ ބަލިން ރަނގަޅު ވިނަމަވެސް 14 ދުވަހަށް އިތުރަށް އޭނާގައި އެބަލި ހުރިތޯ ބެލުމަށް އައިސޮލޭޓުކޮށްފައެވެ. ވޭންގް ރަނގަޅު ވުމަކީ މި ބަލި ޖެހިފައި ތިބި އެހެން މީހުން އަށްވެސް ލިބިގެން ދިޔަ އުއްމީދެކެވެ. މި ބަލީގައި އާންމުކޮށް މަރުވަނީ އުމުރުން ދުވަސްވެފައިވާ މީހުންގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމު ބަލިކަށި މީހުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި ބަލި ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވުމާ ގުޅިގެން ވުހާން ސިޓީ ފުރަބަންދުކޮށްފައި އޮތް އޮތުން ވެސް ވަނީ އުވާލާ އެ ސިޓީ އަލުން ހުޅުވާލައިފައެވެ. މުޅި ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރާފާވާ އިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ރޭ ވަނީ އެއްލައްކަ އަށް އަރައިފައެވެ.