ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ފުރަބަންދު (ލޮކްޑައުން) މުއްދަތު އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެ ގައުމުގައި މިހާރު ލޮކްޑައުން މުއްދަތު އިތުރުކޮށްފައިވާ ކަން އިއުލާންކޮށްފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ޖުޒަޕޭ ކޮންޓީއެވެ.

ބޮޑުވަޒީރު ޖުޒަޕޭ ކޮންޓީ ހުކުރު ދުވަހު އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވިދާޅުވީ ވަކި ފިހާރަތަކެއް ހުޅުވުމުގެ ހުއްދަ އަންނަ ހަފްތާގައި ދެއްވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އެ ގައުމު މާޗު ނުވަ ވަނަ ދުވަހު ފުރަބަންދަކަށް ދިޔައެވެ. އެއާ އެކު، ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަން ބަންދުކުރިއެވެ. މީގެކުރިން އިޓަލީގައި ގާއިމުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ހަމަވާން އޮތީ އަންނަ ހޯމަ ދުވަހުއެވެ.

ބޮޑުވަޒީރު ޖުރަޕެ ކޮންޓީ ވިދާޅުވީ މިއީ އުނދަގޫ ވަގުތެއް ކަމަށާއި މިވަގުތު ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހޭ ކަމަށެވެ. އަދި މިކަމުގެ ސިޔާސީ ގޮތުން ނަގަންޖެހޭ ހުރިހާ ޒިންމާއެއް ނަގާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ލޮކްޑައުންކޮށްފައި އޮތްނަމަވެސް ފޮތް ފިހާރަތަކާއި ކުޑަކުދިންނަށް ބޭނުންވާ ހެދުން ވިއްކާ ފިހާރަތަކާއި ސްޓޭޝަނަރީ ވިއްކާ ފިހާރަތައް އަންގާރަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީގެ ފެކްޓަރީތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ތަޖުރިބާކާރުން ވަނީ އެ ގައުމުގެ އިގްތިސާދު ދަށަށް ދާނެ ކަމުގެ އިންޒާރުދީފައެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ނެތިގެން ގޮސް، އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ.

އިޓަލީގައި އާދަޔާ ޙިލާފަށް ކޮވިޑް-19 ފެތުރެން ފަށާފައިވާއިރު އެގައުމުން ފުރަތަމަ އެ ވައިރަސް ފެނިފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެގައުމުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެގައުމަކީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިޓަލީގައި މިހާތަނަށް ވަނީ 147،577 މީހުން ޕޮޒިޓިވްވެ 18،849 މީހުން މަރުވެފައެވެ.