މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހާއި ގުޅިގެން އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ އަބޫދާބީގެ މީހުން ކަމާބެހޭ ފަރާތްތަކުގެ ބަސް ގަބޫލުކޮށް ގޭގައި ތިބުމުން ފުލުހުން އުފާފާޅުކޮށް ފޯރީގައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފިއެވެ.

އަބޫދާބީގެ ފުލުހުންތަކެއް މަގުތައްމަތީގެ ހާލަތު ބެލުމަށް ބޭނުން ކުރާ ވެހިކަލެއްގައި ނިކުމެ، ވަނީ އެންމެންނަށް ބޭރަށް ނުނިކުމެ ކުޑަދޮރުތައް ހުޅުވާލައިގެން ފުލުހުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމަށް ގޮވާލާފައެވެ. އޭރު ފުލުހުންގެ ވެހިކަލް ދިޔައީ އޭތީގެ އެންމެ ބާރުމިނުގައި ސައިރިން އަޅަމުން ކަމަށާއި، އެވަގުތު ވަށައިގެން ދިރިއުޅެމުންދާ ފަރާތްތަކުން ހީކޮށްފައި ވަނީ ގައުމުގައި ކަމެއް ގޯސް ވެގެން އުޅޭ ކަމަށް ކަމަށް އަލް އަރަބިއްޔާ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ،

"އަހަރެން ތި ހުރިހާ ރައްޔިތުންނަށްވެސް ﷲ ރަހުމަތް ލައްވާތޯ ދުއާ ކުރަން. ތިޔަ ފަރާތްތަކުން ހެދިފައިވާ ގަވައިދުތަކަށް ބޯލަނބާ މިންވަރު ވަރަށް ފުރިހަމަ. އަޅުގަނޑުމެން ޝުކުރު އަދާކުރަން ތިޔަ ކެތްތެރި ކަމަށް. ތިޔަ ބޭފުޅުން ގޭގައި ތިއްބަވާ. އަޅުގަނޑުމެން މި ކުރާ ބުރަ މަސައްކަތަށް އިތުބާރު ކުރައްވާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ" އަބޫދާބީގެ ފުލުހުންގެ އޮފިސަރަކު އަޑުގަދަކުރާ ބޭނުންކޮށްގެން ހަރުކޮށް ގޮވާލިއެވެ.

ފުލުހުންގެ ވާހަކަތަކަށް ފަހު ދެން މުޅި މާހައުލު ފަޅުފިލައިގެން ގޮސްފައި ވަނީ ގެތަކުގެ ކުޑަދޮރުތަކުން ބޭރުބަލަން ތިބި މީހުންގެ ތައުރީފުން ކަމަށް އަލް އަރަބިއްޔާ އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފުލުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ އެންމެހާ މަސައްކަތްތެރީންގެ އަގުވަޒަންކޮށް އަބޫދާބީ މީހުން ވަނީ ޝުކުރު އަދާކޮށްފައި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫއޭއީގައި 24 ގަޑިއިރު ކާފިއު އިއުލާން ކުރުމަށް ނިންމާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފަށައިގެންނެވެ. މިހާތަނަށް މުޅި ޔޫއޭއީ އިން 2500 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަސް ފައްސިވެފައި ވާއިރު މި ވައިރަހާއި ގުޅިގެން 14 މީހަކު އެގައުމުން ވަނީ މަރުވެފައެވެ. މިހާރު އެގައުމުތަކުގެ ހުރިހާ މިސްކިތްތަކެއް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ މިސްކިތްތަކާއި އެހެނިހެން ތަންތަން ހުޅުވާނެ ވަކި މުއްދަތެއް އަދި އިއުލާން ކުރެވެން ނެތް ކަމަށެވެ.

ވައިރަހާއި ގުޅިގެން އެގައުމުގެ ފިހާރަތާކާއި، ރެސްޓޯރެންޓު އަދި ޖިމްތަކުގެ އިތުރުން ސުއިމިން ޕޫލްތައް ފަދަ ގިނަ ބަޔަކު އެއްފަހަރާ އެއްވެ އުޅޭނެ ހުރިހާ ތަނެއް މިހާރު ވަނީ ބަންދުކޮށްފައެވެ.