ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅުވެފައިވާ ބަޔަކު ދެވަނަ ފަހަރަށް އެބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފައިވަނީ އެ ވައިރަސްއިން ރަނގަޅުވެފައިވާ 91 ބަލި މީހަކު އަނެއްކާ ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށެވެ. ކޮރެއާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ޖިއޮންގް އުން ކެޔޮންގެ ބުނެފައިވަނީ ވައިރަސް ޖެހޭ މީހުންގެ ހަށިގަނޑުން ވައިރަސްގެ އަސަރު އެއްކޮށް ފިލައި ނުގޮސް، ކޮންމެވެސް މިންވަރެއް ހަށިގަނޑުގައި ހުރުމުން ބަލިން ރަނގަޅުވުމަށް ފަހު އަނެއްކާވެސް އެ ވައިރަސް ހަށިގަނޑުގެ ތެރޭގައި އުފެދި އާލާވެ (ރީއެކްޓިވޭޓް) ވާ ކަމަށެވެ.

އެހެން ނަމަވެސް ދެކުނު ކޮރެއާގެ ސިއްހީ ތަޖުރިބާކާރުންނަށް ވަނީ އެއީ ސީދާ ކިހިނެއްވާ ކަމެއް ކަމެއް ނޭނގިފައެވެ. ކޮރެއާ ޔުނިވާސިޓީ ގޫރޯ ހޮސްޕިޓަލްގެ ޕްރޮފެސަރެއް ކަމަށްވާ ކިމް ވޫ-ޖޫ ބުނެފައިވަނީ އެގޮތަށް އަލުން ބައްޔަށް ފައްސި (ޕޮޒިޓިވް) ވާ މީހުންގެ އަދަދު މިހާރު 91 ގައި ހުރިނަމަވެސް އެ އަދަދު ގިނަ ވެގެންދާނެ ކަމަށެވެ.

ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެފައި ވަނީ ދެވަނަ ފަހަރަށް ފައްސިވެފައިވާ ކަމަށް ނަތީޖާ ތަކުން ދައްކަނީ ފުރަތަމަ ފަހަރަށް ހަދާފައިވާ ޓެސްޓްގައި މައްސަލަ އުޅޭތީ ކަމަށެވެ. މި ބަލިން ރަނގަޅުވާ މީހުން ދެވަނަ ފަހަރަށް ފައްސިވުމަކީ އެއީ ގިނަ ގައުމުތަކުގައި މިހާރު އާންމުވެފައިވާ ކަމަކަށް ވުމުން މިކަން ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ ކަންބޮޑުވުމަކަށެވެ.

ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާއިއިން މިހާތަނަށް 10,480 މީހަކު ރިޕޯޓް ކޮށްފައިވާއިރު، މި ބަލި ޖެހިގެން އެގައުމުން 211 މީހަކު ވަނީ މަރުވެފައެވެ.