ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެންމެ މަދުން ޓެސްޓް ކުރެވުނު ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގައި ވެސް މިހާރު ހަލުވިކަމާއެކު މި ވައިރަސް ފެތުރި، އެޤައުމުގެ ބޮޑު ސަރަޙައްދަކަށް މި ވައިރަސްގެ ނުރައްކާ ކުރިމަތިވެފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައިސީއެމްއާރު) އިން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވި ހިސާބުން ފެށިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް އިންޑިއާގެ އެކި ކަންކޮޅުތަކުން މި ވައިރަސް އަށް ޓެސްޓް ކުރެވިފައި ވަނީ 17493 ފަރާތެއް ކަމަށެވެ. މިއީ ކޮންމެ އެއްމިލިއަން މީހަކަށް ދިހަ ޓެސްޓްގެ ރޭޓު ކަމަށް އެ އިދާރާއިން ބުނެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި މި ވައިރަސް އަށް ޓެސްޓް ކުރެވޭ މިންވަރު ނިސްބަތުން އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވުމުން ދުނިޔޭގެ އެކި ސިއްޙީ އިދާރާތަކުން ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ނަމަވެސް އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އެހެން ޤައުމުތަކުން ވައިރަސް އަށް ޓެސްޓް ކުރާ ވަރަށް އިންޑިއާއިން ޓެސްޓް ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ.

އިންޑިއާއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވަމުން ދިޔައިރު އެޤައުމުން އެންމެ ފުރަތަމަ ވައިރަސް އަށް ޓެސްޓު ކުރަމުން ދިޔައީ ބޭރު ޤައުމުތަކުން އެޤައުމަށްދާ މީހުންނާއި، ވައިރަސް ޖެހިފައިވާ މީހުންނާއެކީ ދިރިއުޅޭ މީހުންންގެ އިތުރު ކަރަންޓީނުކޮށް، ދެ ހަފްތާ ފަހުންވެސް ވައިރަސްގެ އަލާމާތްތައް ފެންނަ މީހުން އެކަންޏެވެ. އެޤައުމުން މިގޮތަށް ޓެސްޓު ކުރުން ކުރިޔަށް ގެންދާތީ، ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތައް އިންޑިއާގައި ފުރިހަމަ ނުވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ދުނިޔެއިން 22 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެއްގެ ގޮތުގައި މިވަގުތު އިންޑިއާ އޮތްއިރު، މިހާތަނަށް އެޤައުމުން 7600 މީހަކަށް ވައިރަސް ޖެހިފައިވާކަން ޔަޤީން ކުރެވިފައި ވެއެވެ. މީގެ ތެރެއިން 249 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 774 މީހުންނެވެ. ނަމަވެސް ބަލީގައި ސީރިއަސް ހާލަތުގައި ތިބީ ކިތައް މީހުން ކަމެއް އެޤައުމުން ހާމައެއް ނުކުރެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގައި މި ބަލި ފެތުރޭ މިންވަރު ހަލުވިވެފައި ވާއިރު، އިއްޔެ އެކަނިވެސް 875 މީހަކު ވައިރަސް އަށް ފައްސިވެ، 22 މީހަކު އެޤައުމުން މަރުވެފައި ވެއެވެ.

ހަލުވިކަމާއެކު އިންޑިއާގައި މި ވައިރަސް މިހާރު ފެތުރެމުންދާތީ، އިންޑިއާގައި ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު އެޤައުމުގައި 21 ދުވަހުގެ ފުރަބަންދުގެ މުއްދަތެއް އިއުލާނުކޮށްފައި ވާއިރު، އިއްޔެ ވަނީ ރައްކާތެރި ނޫން 1200 ސަރަޙައްދު ކަނޑައަޅާފައެވެ. މި ސަރަޙައްދުތަކުގައި އާންމުން އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު