ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އެމެރިކާވެއްޖެއެވެ.

މީގެ ކުރިން މި ވައިރަހުގެ ޝިކާރަ އަކަށްވެ އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އިޓަލީ އިންނެވެ. އިޓަލީ އިން ޖުމްލަ 18،849 މީހުން މިހައިތަނަށް މަރުވެފައި ވާއިރު، އެމެރިކާ އިން ޖުމްލަ 18،883 މީހަކު ވަނީ މިހައިތަނަށް މަރުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވޭއިރު، މުޅި ދުނިޔެ އިންވެސް 1،000 ވުރެން ގިނައިން އެއް ދުވަސް ތެރޭ މީހުން މަރުވެފައި ވަނީ ހަމައެކަނި އެމެެރިކާގައެވެ. އެ ގައުމުން އިއްޔެ 2،000ށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު، ދެން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވީ އިނގިރޭސިވިލާތާއި ސްޕެއިންގައެވެ. ނަމަވެސް އެ ދެ ގައުމުންވެސް އެއް ދުވަސް ތެރޭ 1،000ށް ވުރެން ގިނަ މީހުން މަރުވެފައެއް ނުވެއެވެ.

އެމެރިކާ އިން މިހައިތަނަށް 5 ލައްކަ އަށް ވުރެން ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ފައްސިވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެމެރިކާ އިން ވަނީ ”ހައިޑްރޮކްލޮރޮކުއިން“ ބޭސް ގިނަ އަދަދަކަށް އިންޑިއާ އިން އޯޑަރު ކޮށްފައެވެ. މިގޮތުން 29 މިލިއަން ބޭސްގުޅަ އަށް އެމެރިކަ އިން އޯޑަރު ކުރުމުން އިންޑިއާ ބޮޑުވަޒީރު މޯދީ ވަނީ އެ ބޭސް އެމެރިކާ އަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު