ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިޓަލީން އިތުރު 619 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 އަށް ފަރުވާކުރަމުން ދަނިކޮށް މިދިޔަ 24 ގަޑިއިރު ތެރޭ އިޓަލީން 619 މީހަކު މަރުވުމާއެކު މިހާރު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 19468 އަށް އަރާފައެވެ.

އިޓަލީގައި މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވެފައި މިވަނީ، އެޤައުމުން އިއްޔެ މަރުވި މީހުންގެ އަދަދު މަދުވެފައި ވަނިކޮށެވެ. އިއްޔެ އިޓަލީގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވީ 570 މީހެކެވެ. މިއީ މީގެ ކުރިން އެޤައުމުގައި މި ބަލީގައި މީހުން މަރުވަމުން ދިޔަ ނިސްބަތާއި އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެއްގެ ގޮތުގައި އޮތް އިޓަލީގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 152271 އެވެ. އޭގެތެރޭގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް ފެންމަތިވި 4694 އާ ކޭސްތައް ހިމެނެއެވެ. މިއީ މިދިޔަ 7 ދުވަސްތެރޭ އެޤައުމުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފަހަރެވެ.

އިޓަލީގައި ކޮވިޑް-19 ޖެހުނު މީހުންނާއި މި ބަލީގައި މަރުވި މީހުންގެ އަދަދު މިއަދު އިތުރުވެފައިވީ ނަމަވެސް، ވައިރަސްގެ ސަބަބުން ސީރިއަސް ހާލުގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. މިހާރު އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީ 3381 މީހަކަށެވެ.

އިޓަލީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 32534 މީހެކެވެ. އެހެންކަމުން އަދިވެސް ލައްކައަކަށްވުރެ ގިނަ މީހުންނަށް އެޤައުމުގައި މި ވައިރަސް ޖެހިގެން ފަރުވާދެމުން ދެއެވެ.